މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

"ފުލުހުންގެ ފްލެޓްތައް ނިމޭނީ މާޗުގައި"

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދަމުން އަންނަ ފުލުހުންގެ ފްލެޓުތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ތަކެތި ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން މި އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމާނުލެވޭނެ ކަމަށެވެ.

"ލަފާކުރެވެނީ 2023 ގެ މާޗް ހިސާބު ފުލުހުންގެ ފްލެޓުތައް ނިންމާލެވޭނެ ކަމަށް" އަކްރަމް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް އެޅުމަށް 2013 ވަނަ އަހަރު އެންމެ ފުރަތަމަ ހަވާލުކުރީ ނޫމަޑި ކުންފުންޏަށެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ނުދާ ކަމަށް ނިންމާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖެނުއަރީ 27، 2016 ގައި ވަނީ ނޫމަޑިއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލާފަ އެވެ.

އޭގެ ފަހުން މިމަސައްކަތް ނިންމަން ދެވަނަ ފަހަރަށް ހަވާލުކުރީ އައިލެންޑް އެކްސްޕާޓް ކުންފުންޏާ އެވެ. ނަމަވެސް ކޮވިޑް 19އާއި ގުޅިގެން ކުރިމަތިވި އިގްތިސޯދީ ގެއްލުންތަކާ އެކު އައިލެންޑް އެކްސްޕާޓް ކުންފުނި ބަނގުރޫޓްވެ 2020 ވަނަ އަހަރު އެ ކުންފުނިން ވަނީ މަޝްރޫއު ދޫކޮށްލާފަ އެވެ.

އައިލެންޑް އެކްސްޕާޓް ކުންފުނިން މަސައްކަތް ހުއްޓާލިއިރު ފުލުހުންގެ ތިން ޓަވަރުގެ 87 ޕަސެންޓް މަސައްކަތް ހުރީ ނިންމާފަ އެވެ.

ފުލުހުންގެ ފްލެޓްތައް ނިންމަން ޕްލޭނިން މިނިސްޓްރީން އެންމެ ފަހުން ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަނަށެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު މަސައްކަތް ހަވާލުކުރީ މި އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހަށް ނިންމަން ޝަރުތުކޮށްފަ އެވެ.

ފުލުހުންގެ ފްލެޓްތައް ނުނިމި 10 އަހަރު ވާން ކައިރިވެފައިވާއިރު ފްލެޓްތައް ނިންމުން މިހާ ބޮޑަށް ލަސްވުމާ ގުޅިގެން ފުލުހުންގެ އާއިލާތަކުން ކަމާ ގުޅޭ އިދާރާތަކުގައި ޝަކުވާ ކުރާތާ އެތައް އަހަރެއް ވެއްޖެ އެވެެ.

ފުލުހުންގެ ފްލެޓްތައް ނިންމައި މިދައުރު ނިމުމުގެ ކުރިން ހަވާލުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.