ނޭޕާލް އަތުން މިއަދު 4-1އިން ބަލިވެ ބަންގް ބަންދު ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ނުގޮސް ރާއްޖެ ކަޓައިފި އެވެ.
އަންނަ ހުކުރު ދުވަހު ކުޅޭ މުބާރާތުގެ ފައިނަލްގައި ކުޅޭނީ ނޭޕާލާއި ބަހުރޭނެވެ. މުބަރާތް ބާއްވާ ގައުމު ބަނގްލަދޭޝްގެ ސީނިއާ ޓީމު 1-0އިން ބަލިކޮށް ބަހުރޭން ފައިނަލުން ޖާގަ ހޯދީ އިއްޔެ އެވެ.
މިއަދުގެ މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ޖަހައިދިނީ ނޭޕާލް ތިން ލަނޑު ޖެހި ފަހުން އަހުމަދު ނާޝިދު (ނާއްޓޭ) އެވެ. ނޭޕާލް ޓީމުން މެޗުގެ ލީޑު ނެގީ 30 ވަނަ މިނިޓްގައި ނަވާޔުގް ޝްރޭޝްތާ އެވެ. އޭނާ ވަނީ މެޗުގެ ފަހު ދެ ލަނޑު ވެސް ޖަހައި މި މެޗުގައި ހެޓްރިކް ހަދައިފަ އެވެ. ފުރަތަމަ ހާފު 1-0އިން ނިމުނު މެޗުގައި ނޭޕާލް ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ބިޝާލް ރާއީ ފަހު ހާފު ފަށައިގެން އިރުކޮޅެއްވީތަނާ އެވެ. މިއީ 1999 ވަނަ އަހަރުގެ ސާފް ގޭމްސްގެ ފަހުން ރާއްޖެ އަތުން މުހިންމު މެޗެއްގައި ނޭޕާލް ކާމިޔާބު ހޯދި ފުރަތަމަ ފަހަރެވެ.
ސާފް ޗެމްޕިއަންޝިޕުގެ ނާކާމިޔާބީއާ ގުޅިގެން ސީނިއާ ގިނަ ކުޅުންތެރިން މިވަގުތު ގައުމީ ޓީމަށް ކުޅެން އުޒުރުވެރިވުމުން މި މުބާރާތުގައި ރާއްޖެ ވާދަކުރީ ވަރަށް ޒުވާން ޓީމަކާއެކުގަ އެވެ. ރާއްޖެ ސެމީ އަށް ދިޔައީ ގްރޫޕް ސްޓޭޖުގެ ތިން މެޗުގެ ތެރެއިން ކެމްބޯޑިއާ އާއި ބަނގްލަދޭޝްގެ ޒުވާން ޓީމު ބަލިކޮށް ބަހުރޭނާ އެއްވަރުކޮށްގެންނެވެ.
މިއަދުގެ ފައިނަލަށް ނުކުތުމުގެ ކުރިން ރާއްޖޭގެ ކޯޗު ރިކީ ހާބަޓް ބުނީ މި މެޗުން މޮޅުވެ ފައިނަލަށް ދިއުމަކީ ރާއްޖޭގެ ޒުވާން ޓީމަށް އޮތް ބޮޑު ޗެލެންޖެއް ކަމަށެވެ. ނަމަވެސް މުބާރާތުގައި މިހާތަނަށް ރާއްޖެ ދެއްކި ކުޅުމާއި ނެރުނު ނަތީޖާތަކާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.