ގައުމީ ފުޓްބޯޅް ޓީމް

ނޭޕާލަކީ މުބާރާތުގައި ވާދަކުރި އެންމެ މޮޅު ޓީމު: ރާއްޖޭ ކޯޗް

ބަންގް ބަންދު ގޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ރާއްޖެ އިއްޔެ 4-1އިން ބަލިވީ މުބާރާތުގައި ވާދަކުރި އެންމެ މޮޅު ޓީމު އަތުން ކަމަށް ގައުމީ ކޯޗު ރިކީ ހާބަޓް ބުނެފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ނިއުޒީލޭންޑްގެ ކުރީގެ ކޯޗު ބުނީ މި މަހު ކުރީކޮޅު އިންޑިޔާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށްވުރެ މި މުބާރާތުގައި ވާދަކުރި ނޭޕާލް ޓީމު ވަރުގަދަ ކަމަށެވެ.

"މިއަދު އަހަރުމެންނަށްވުރެ ރަނގަޅަށް އެމީހުން ކުޅުނު. ހުރިހާ ގޮތަކުން ވެސް ރާއްޖެ އަށް ވުރެ ނޭޕާލް މޮޅު. މި މުބާރާތުގައި ވާދަކުރި އެންމެ މޮޅު ޓީމަކީ ވެސް އެއީ. އަހަރުމެންނަށް މިއަދު އަހަރުމެންގެ ގޭމް ކުޅެގަންނަން ވެސް އުނދަގޫވި. އެމީހުންނަށް ހައްގު މޮޅެއް މިއީ،" ކޯޗު ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕުގެ ނާކާމިޔާބީގެ ސަބަބުން ސީނިއާ ގިނަ ކުޅުންތެރިތަކެއް ނެތި ވަރަށް ޒުވާން ޓީމަކާއެކު ނުކުމެ ރާއްޖެ ސެމީ އަށް ދިއުމަކީ ރަނގަޅު ނަތީޖާއެއް ކަމަށް ވެސް ކޯޗު ބުންޏެވެ.

މުބާރާތުގެ ސެމީ އަށް ރާއްޖެ ދިޔައީ ފުރަތަމަ މެޗުގައި ކެމްބޯޑިއާ 3-2އިން ބަލިކޮށް، ދެ ވަނަ މެޗުގައި ބަނގްލަދޭޝްގެ ޒުވާން ޓީމުގެ މައްޗަށް 2-0އިން ކުރި ހޯދައި ގްރޫޕުގެ ފަހު މެޗުގައި ބަހުރޭނާ ވާދަކޮށް އެއްވަރުކޮށްގެންނެވެ.

މި މުބާރާތުގެ ފައިނަލުގައި ހުކުރު ދުވަހު ކުޅޭނީ ބަހުރޭނާއި ނޭޕާލް އެވެ.