ބޭރު ކުޅިވަރު

ވޯލްޑް ކަޕް ބާއްވަން ބޭނުންވަނީ ޗެމްޕިއަންސް ލީގުގެ މޮޑެލްގައި

ފީފާގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް އަދި ޔޫއޭފާގެ ސެކްޓްރީ ޖެނެރަލް ޖިއާނީ އިންފަނީޓޯ ބޭނުންވަނީ ޗެމްޕިއަންސް ލީގު މޮޑެލްގައި ވޯލްޑް ކަޕް ބާއްވަން ކަމަށް އޭނާ އިޝާރާތްކޮށްފި އެވެ.

މި ގޮތުން ޔޫރަޕުގައި މުބާރާތް ބާއްވާނަމަ ޔޫރަޕުގެ އެކި ގައުމުތަކުގައި މުބާރާތުގެ މެޗުތައް ކުޅެން އޭނާގެ ޕްލޭނުގައިވަނީ ހިމަނާފަ އެވެ.

އިންފަނީޓޯ ބުނީ މިހެން ހަދައިފިނަމަ ކޮންމެ ބައްރަކުން ވެސް ވޯލްޑް ކަޕް ބާއްވަން އެންމެ ގިނަ ވެގެން ވެސް އިންތިޒާރު ކުރަންޖެހޭ އަށް އަހަރު ކަމަށާއި މީގެ ސަބަބުން ހުރިހާ ގައުމަކަށް ވެސް ފައިދާވާނެ ކަމަށެވެ.

އަދި ފީފާގެ ރައީސް ކަމަށް އޭނާ ހޮވިއްޖެނަމަ މި މޮޑެލް ތައާރަފްކުރަން ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ.

އިންފަނީޓޯ އަކީ އަންނަ މަހު ބާއްވާ ފީފާގެ އިންތިހާބުގައި ރައީސް ކަމަށް ވާދަކުރާ ފަސް ކެނޑިޑޭޓުންގެ ތެރެއިން ޔޫރަޕުގެ ބޭފުޅެކެވެ. އޭނާއާއެކު މި މަގާމަށް ދެން އެންމެ ބޮޑަށް ވާދަކުރައްވަނީ އޭއެފްސީގެ ރައީސް ޝައިހް ސަލްމާން އާއި ފީފާގެ ކުރީގެ ނާއިބް ރައީސް ޕްރިންސް އަލީ އެވެ.