ރިޒާވް

ރަސްމީ ރިޒާވުން 627 މިލިއަން ރުފިޔާ މަދުވެއްޖެ

ރާއްޖޭގެ ރަސްމީ ރިޒާވުން މިދިޔަ އޮކްޓޫބަރު މަހު 40.7 މިލިއަން ޑޮލަރު -- ގާތްގަނޑަކަށް 627.5 މިލިއަން ރުފިޔާ މަދުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 499.6 މިލިއަން އެމެރިކާ ޑޮލަރެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ އެޕްރީލް މަހުން ފެށިގެން ރިޒާވް ދިޔައީ މަހުން މަހަށް ދަށްވަމުންނެވެ.

މިއަހަރުގެ ރަސްމީ ރިޒާވް މަހުން މަހަށް

  • ޖެނުއަރީ - 753.4 މިލިއަން ޑޮލަރު
  • ފެބްރުއަރީ - 766.2 މިލިއަން ޑޮލަރު
  • މާޗް - 865.2 މިލިއަން ޑޮލަރު
  • އޭޕްރީލް - 829 މިލިއަން ޑޮލަރު
  • މެއި - 807.9 މިލިއަން ޑޮލަރު
  • ޖޫން - 750.4 މިލިއަން ޑޮލަރު
  • ޖުލައި - 728.2 މިލިއަން ޑޮލަރު
  • އޮގަސްޓް - 658 މިލިއަން ޑޮލަރު
  • ސެޕްޓެމްބަރު - 540.3 މިލިއަން ޑޮލަރު
  • އޮކްޓޫބަރު - 499.6 މިލިއަން ޑޮލަރު

ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުންނާނީ 606 މިލިއަން ޑޮލަރު ކަމަށެވެ. މިއަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި މިއަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ 657 މިލިއަން ޑޮލަރެވެ.

އިގްތިސޯދަށް އަންނަ ބަދަލާއެކު ރިޒާވް އިތުރުވެ މަދުވެ އެވެ. އަދި ރިޒާވުގައި ހިމެނޭ ބޭނުން ކުރެވޭ ރިޒާވް ކުރިން އާއްމުކުރެ އެވެ. ނަމަވެސް މިއަހަރު އެ އަދަދު އާންމުކުރުން ހުއްޓާލާފައިވާތީ ރިޒާވްގެ އަސްލު ބޮޑު މަންޒަރެއް އާންމުންނަކަށް ނޭނގޭ އެވެ.

ރިޒާވްއަށް ކޮންމެ ކަހަލަ ބަދަލެއް މިވަގުތު އައިސްފައިވީ ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އަންދާޒާކުރި އަދަދަށް މިއަހަރު ނިމޭއިރު ދައުލަތުގެ ރިޒާވްގައި ފައިސާ ހުންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އަންދާޒާކުރި ވަރަށްވުރެ ބާރަށް ރިޒާވް ދަށްވާ ކަމަށާއި ރިޒާވްއަށް އަސަރުކޮށްފައިވަނީ ހަމައެކަނި ރާއްޖެއަށް ނޫން ކަމަށެވެ. ރިޒާވްއަށް އަސަރުކުރާ އެންމެ ބޮޑު އެއް ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުމެވެ.