ވިޔަފާރި

ސެޕްޓެމްބަރު މަހަށްވުރެ އޮކްޓޫބަރު މަހު އަގުތައް ދަށަށް

ރާއްޖޭގެ ބާޒާރުގައި އަގުތައް މިއަހަރުގެ ސެޕްޓެމްބަރު މަހާއި އަޅަައިބަލާއިރު އޮކްޓޫބަރު މަހު 0.07 އިންސައްތަ ދަށަށް ހިނގައްޖެ އެވެ.

ގައުމީ ތަފާސްހިސާބު ބަލަހައްޓާ ވުޒާރާ -- މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އޮކްޓޫބަރު މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުން މަހުގެ އަގު ނުހިމަނައި އެ އަދަދު ވަނީ 0.17 އިންސައްތަ ދަށަށް ގޮސްފަ އެވެ.

އިންފްލޭޝަން ރޭޓު ސެޕްޓެމްބަރު މަހަށްވުރެ އޮކްޓޫބަރު މަހު ދަށަށް ދިޔަ ނަމަވެސް 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި އަޅައިބަލާއިރު މިއަހަރުގެ އޮކްޓޫބަރު މަހު އިންފްލޭޝަން ރޭޓު ވަނީ 2.94 އިންސައްތަ އުފުލިފަ އެވެ.

ސީޕީއައި ދައްކާ ގޮތުން ކުލީގެ އިތުރުން މޭވާ އާއި ތަރުކާރީގެ އަގުތައް އޮކްޓޫބަރު މަހު ދަށަށް ދިޔަ އެވެ.

ކުލީގެ އަގުތައް 0.75 އިންސައްތަ ދަށަށް ދިޔައިރު މޭވާގެ ބާވަތްތަކުގެ އަގުތައް 2.28 އިންސައްތަ އަދި ތަރުކާރީގެ އަގުތައް 1.80 އިންސައްތަ ދަށަށް ދިޔަ އެވެ.

އަގުތައް އުފުލުނު ތަކެތީގެ ތެރޭގައި ކިރާއި ކިރުގެ ބާވަތްތައް އަދި ބިސް ހިމެނެ އެވެ. އެ ބައިގެ އަގު 0.33 އިންސައްތަ އުފުލުނު އިރު ބޫޓާއި ފައިވާނުގެ އަގުތައް 2.22 އިންސައްތަ އުފުލުނެވެ. އޭގެ އިތުރުން ހެއާ ޑްރެސިން އަދި ރީތިވުމުގެ ބައިގެ އަގުތައް 6.99 އިންސައްތަ އުފުލުނެވެ.