ބޮލީވުޑް

އިރްފާންގެ ދަރިފުޅާ ބައްދަލުވުމުން ތައްބޫ ޖަޒުބާތުގައި ޖެހިއްޖެ

މިދިޔަ އަހަރު މަރުވި ކުޅަދާނަ އެކްޓަރު އިރްފާން ޚާންގެ ދޮށީ ފިރިހެން ދަރިފުޅު ބާބިލް ބޮލީވުޑަށް ތައާރަފްވާ ފިލްމު "ގަލާ" ހުކުރު ދުވަހު ވަނީ ރިލީޒްކޮށްފަ އެވެ.

އަންވިތާ ދަތު ޑައިރެކްޓްކޮށްފައިވާ މި ސައިކޮލޮޖިކަލް ޑްރާމާގައި ބާބިލް އާއެކު ބައިވެރިވަނީ ބަތަލާ ޓްރިޕްތީ ޑިމްރީ އާއި ސްވާސްޓިކާ މުކަރުޖީ އެވެ.

ނެޓްފްލިކްސް އިން ދައްކާ މި ފިލްމުގެ ޚާއްސަ ސްކްރީނިން އެއް ބުރާސްފަތި ދުވަހު ބާއްވާފައި ވެއެވެ. މި ސްކްރީނިންއަށް ހާޒިރުވި ފިލްމީ ތަރިންގެ ތެރޭގައި އިރްފާން އާ ގާތް އެކުވެރިކަމެއް އޮތް އޭނާއާއެކު ފިލްމުކުޅެފައިވާ ކުޅަދާނަ ބަތަލާ ތައްބޫ ހިމެނުނެވެ.

ތައްބޫ އަށް އިރްފާންގެ ދަރިފުޅާ މިތަނުން ބައްދަލުވީ ވަގުތު ކުރި އަސަރުތައް މިހާރު ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެނުމުން އިރްފާނުގެ ފޭނުން ވެސް ޖަޒުބާތުގައި ޖެހި ކޮމެންޓްތައް ކޮށްފައި ވެއެވެ.

"މި ވީޑީއޯ ބަލާފައި އަހަންނަށް ރޮވުނު. ތައްބޫ އާއި އިރްފާން އަކީ ހިންދީ ސިނަމާއިން މަދުން ނޫނީ ނުފެންނަ ވަރުގެ ހުނަރުވެރި ދެ އެކްޓަރުން،" ވީޑިއޯ އަށް ކޮމެންޓްކުރި މީހަކު ލިޔެފައި ވެއެވެ.

"ގަލާ"ގެ ސްކްރީނިން އަށް ތައްބޫ ވަންނަތަން ފެނިގެން ބާބިލް ކުޑަކުއްޖެއް ހެން ދުވެފައި ގޮސް ތައްބޫގެ ގައިގައި ބައްދާލާ މަންޒަރުގެ ވީޑީއޯ ވެސް ގިނަ މީހުންނަށް ވަރަށް އަސަރުކުރި އެއްޗަކަށް ވެފައި ވެއެވެ.

ތައްބޫ އާއި އިރްފާންގެ ފޭނުން ބުނެފައިވަނީ މި ވީޑިއޯ އިން ހާމަވީ ތައްބޫ އާއި އިރްފާންގެ މެދުގައި އޮތް ގާތް އެކުވެރިކަން ކަމަށެވެ.

އިރްފާންގެ ދަރިފުޅު އައިސް ބައްދާލުމުން ކުރި އަސަރުން ޚުދް ތައްބޫގެ ލޮލުން ވެސް ކަރުނަ އައިތަން މި ވީޑީއޯއިން ފެނެ އެވެ.

"ގަލާ" ސްކްރީނިންގައި ބާބިލްގެ މަންމަ އަދި އިރްފާންގެ ހުވަފަތް އަނބިމީހާ ސުޓާޕާ ސިކްދަރް ވެސް ބައިވެރިވި އެވެ.

"ގަލާ" އަކީ 1930ގެ އަހަރުތަކުގައި އުޅުނު ލަވަކިޔުމުގެ ރޮނގުން ވިދާލި ޒުވާން އަންހެން ލަވަ ކިޔުންތެރިއެއް (ޓްރިޕްތީ) އާއި އޭނާގެ ހަރުކަށި މަންމަ (ސްވާސްޓިކާ)ގެ ހަޔާތުގެ ސަފުހާތަކެއް ދައްކުވައިދޭ ފިލްމެކެވެ.

މި ފިލްމު ރިލީޒްވުމުގެ ކުރިން ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ބާބިލް ބުނީ އޭނާގެ ބައްޕަގެ އެކްޓިން ހުނަރާއި ގާބިލްކަން އޭނާއަށް ވާރުތަވެފައި ހުންނާނެ ކަމަށް އެކަކުވެސް އުންމީދުކޮށްގެން ނުވާނެ އެވެ. ނަމަވެސް ބައްޕަގެ ހަނދާންތައް ދެމެހެއްޓުމަށް އޭނާއަށް ކުރެވުނު މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ބާބިލް ދީފައި ވެއެވެ.

އިރްފާން އަކީ ދުނިޔޭގެ ނިސްބަތުން ވެސް ގުނާލެވުނު ކުޅަދާނަ އެކްޓަރެކެވެ. ނަމަވެސް ބައްޕަ އެހާ މޮޅު އެކްޓަރަކަށް ވީތީ ދަރިފުޅު ވެސް އެފަދަ މީހަކަށް ވެދާނެކަމަށް ގަބޫލުކޮށް އެ ދެބަފައިންގެ އެކްޓީން އަޅާ ނުކިޔަން ބާބިލް ވަނީ މި އިންޓަވިއުގައި އެދިފަ އެވެ.