ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ހިޔާނާތުގެ ދައުވާއަށް ޖަވާބުދޭން އަދީބަށް 15 ދުވަސް

  • އަދީބު ވިދާޅުވީ ހިޔާނާތް ނުވާ ކަމަށް
  • އަދީބު ގެއަށް ބަދަލު ކުރަން ވަކީލު އެދުނު
  • އަދީބު ވަނީ ދައުވާއަށް އިންކާރުކޮށްފައި

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އެމަނިކުފާނު ޖަވާބުދާރީ ވުމަށް 15 ދުވަހުގެ މުއްދަތު ޝަރީއަތުގައި މިއަދު ދީފި އެވެ.

މި މައްސަލައިގައި އަދީބުގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އެވެ. ދައުވާ ސާފު ނުވާ ކަމަށް ވިދާޅުވެ އިންކާރު ކުރައްވައި ދައުވާއަށް ޖަވާބު ދާރީވެ ހެކިން ހުށަހަޅަން އަދީބު ވަނީ ފުރުސަތު ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި ގާޒީ ވަނީ އަދީބަށް 15 ދުވަހުގެ މުއްދަތެއް ދެއްވައިފަ އެވެ.

މިއަދު ބޭއްވީ މި މައްސަލައި ދެވަނަ އަޑު އެހުމެކެވެ. މި އަޑު އެހުމުގައި ދައުލަތު ވަކީލް ވިދާޅުވެފައިވަނީ، ޓޫރިޒަމް މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނަވައި، ދައުލަތަށް ލިބެން ޖެހޭ އެތައް މިލިއަން ރުފިޔާއަށް އަދީބު ހިޔާނާތްތެރިވެފައިވާ ކަމަށެވެ. އެއަށް ރައްދު ދެއްވަމުން ޝަރީއަތުގައި އަދީބު ވިދާޅުވީ، އޭނާ "ނަހަމަ ގޮތުގައި ދައުލަތުގެ ފައިސާ ބޭނުން ނުކުރައްވާ" ކަމަށެވެ.

އަދީބު ވިދާޅުވީ، ދައުލަތުން އުފުލާފައިވާ ދައުވާއަށް އިންކާރު ކުރައްވާ ކަމަށާއި ދައުވާ ސާފުވެސް ނުވާ ކަމަށެވެ. އަދީބަށް ދައުވާ ސާފުނުވާ ކަމަށް ވިދާޅުވުމުން، އެމަނިކުފާނުގެ ގާނޫނީ ވަކީލް މޫސާ ސިރާޖްގެ ހާޒިރުގައި ދައުލަތުން ވަނީ އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާ އަލުން އިއްވާފައެވެ.

އަދީބުގެ މައްޗަށް ދައުވާ އުފުލާފައިވާ ދައުވާގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ސެޕްޓެމްބަރު 30، 2015، ގައި އެބޮނީ ޕްރައިވެޓް ލިމިޑެޓް ނަމަކަށް ކިޔާ ކުންފުންޏަކަށް، 50 އަހަރަށް މާލެ އަތޮޅުގެ ފަޅެއް ކުށްޔަށް ދޫކުރި ކަމަށް އަދީބުގެ މައްޗަށް ތުހުމަތުކޮށްފައިވެއެވެ.

ދައުވާ އިއްވުމުން އަދީބުގެ ވަކީލް ވެސް ވިދާޅުވީ، ދައުވާ ސާފުނުވާ ކަމަށާއި ދައުވާގައި އަދީބު ކުއްޔަށް ދޫކޮށްފައިވަނީ މާލެ އަތޮޅު ކޮން ފަޅެއް ކަމެއް އެނގެން ނެތް ކަމަށެވެ. އަދި އެކަމުގައި އަދީބުގެ ހައިސިއްޔަތަކީ ކޮބައި ކަމާއި، އޭގެ ސަބަބުން ބަޔަކަށް ނާޖައިޒް ފައިދާއެއް ލިބިފައިވާ ކަމެއް އެނގެން ނެތް ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ.

ސިރާޖްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، އެ ފަޅަށް ނަމެއް ދީފައިނުވާ ކަމަށާއި ނަމަވެސް ޝަރީއަތް ކުރިއަށްދާ މިންވަރުން އެ ފަޅާބެހޭ މައުލޫމާތާއި ފަޅު އޮންނަ ތަން ސާފުކޮށްދެމުންދާނެ ކަމަށެވެ. އަދި އަދީބު ތަހުގީގަށް ބަޔާން ދެއްވިއިރު، އެ ފަޅަކީ ކޮބައިކަން އެނގިލައްވާހުރެ ބަޔާން ދެއްވާފައިވާކަން ވެސް ދައުލަތުން ފާހަގަކުރި އެވެ.

މި މައްސަލާގައި އަދީބުގެ ދައުރާ ގުޅޭގޮތުން ދައުލަތުން ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީގެ ބެލެމުގެ ދަށުގެ ނެތް ފަޅެއް އެ މިނިސްޓްރީގެ މުވައްޒަފުން ބޭނުންކޮށްގެން ހުރިހާ އެގްރިމެންޓްތަކެއް ހަދައި އެ ފަޅު ދޫކޮށްފައިވާ ކަމަށެވެ. އަދި އެ ފަޅު ދޫކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އަދި ލިބުނު އެތައް މިލިއަން ރުފިޔާއަކަށް ހިޔާނަތްތެރިވެފައިވާ ކަމަށެވެ. އަދި އެ ފަޅުން ލިބެން ޖެހޭ އިދާރީ ފީ ވެސް ނަގާފައިނުވާ ކަމަށާއި އެކަން ކޮށްފައިވަނީ އެއްވެސް ހަމައެއް ނެތި ކަމަށެވެ.

އަދީބުގެ ވަކީލް ވަނީ އަދީބު ގޭބަންދަށް ބަދަލުކޮށްދެއްވުމަށް އެދިފައެވެ. ނަމަވެސް ދައުލަތުން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ. ދައުލަތުން ބުނީ އަދީބުގެ ގިނަ މައްސަލަތަކެއް ތަހުގީގުކުރަމުން އަންނަ ކަމަށާއި އަދި އެ މައްސަލަތަކުގެ ބާވަތުން އެމަނިކުފާނަކީ މުޖުތަމައަށް ނުރައްކާތެރި ބޭފުޅެއް ކަމަށެވެ. އަދީބު ގޭބަންދަށް ބަދަލުކުރުމާމެދު ގާޒީ ގޮތެއް ނިންމަވާފައެއް ނުވެއެވެ.