ތިލަމާލެ ބްރިޖް

ތިލަމާލެ ބްރިޖް މަސައްކަތުގައި ބޭނުން ކުރި ކެރޭނެއް ބިންދައިގެން ހިނގައްޖެ

ތިލަމާލެ ބްރިޖްގެ މަސައްކަތުގައި ބޭނުންކުރަމުންދިޔަ ކެރޭނެއް ބިންދައިގެން ގޮސްފި އެވެ. ކެރޭންގެ ބިންދައިގެން ދިޔަ ބައި ވެއްޓުނީ މޫދަށެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ ކެރޭންގެ ބައެއް ބިންދައިގެން ދިޔައީ ބޫމް ފެއިލް ވެގެންނެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ޖިނާން ވިދާޅުވި އެވެ.

"މިކަން ހިނގަން މެދުވެރި ސަބަބެއް މިދަނީ ބަލަމުން،" ޖިނާން ވިދާޅުވި އެވެ.

ބްރިޖު މަސައްކަތުގައި ބޭނުންކުރި ކެރޭނެއް ބިންދައިންގެ ދިޔައިރު ބްރިޖު މަޝްރޫއަށް ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން އެ ފަރަށް ވަނީ މީގެ ކުރިން ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ވިލިމާލޭގެ ފަރުމައްޗަށް ޕްލެޓްފޯމް އަރާފައިވަނީ މިދިޔަ އޮގަސްޓް 16 ވަނަ ދުވަހު އެވެ. ފަރަށް ލިބުނު ގެއްލުންތައް ބެލުމަށްފަހު ބްރިޖުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނި 69 މިލިއަން ރުފިޔާ އަށް ވަނީ ޖޫރިމަނާކޮށްފަ އެވެ.