އާސަންދަ

ސަޕްލިމެންޓަރީ ބަޖެޓަކުންވެސް ނުވި، އާސަންދަ ބަޖެޓު ހުސްވެއްޖެ

ހަރަދުތައް ބޮޑުވެ މިއަހަރުގެ ދައުލަތުގެ ބަޖެޓަށް އިތުރުކުރަން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގައި އާސަންދައަށް ކަނޑައެޅި އަދަދުވެސް ހުސްވެއްޖެ އެވެ.

ދިވެހި ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާކޮށްދޭ ގައުމީ ހެލްތު އިންޝުއަރެންސް ސްކީމް -- އާސަންދައަށް މިއަހަރުގެ ބަޖެޓުގައި ކަނޑައެޅީ 730.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް އަހަރު ދެބައި ނުވަނީސް މިއަހަރު އާސަންދައަށް ކަނޑައެޅި ބަޖެޓު ހުސްވިއެވެ.

ފިނޭންސް މިނިސްޓްރީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އޮކްޓޫބަރު 31 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު މިއަހަރަށް 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅި އެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައި އާސަންދައަށް 906.7 މިލިއަން ރުފިޔާ އިތުރުކުރުމަށް ހުށަހެޅި އެވެ. އެއާއެކު އާސަންދައިގެ މިއަހަރުގެ ބަޖެޓު 1،637.6 މިލިއަނަށް އަރަ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް އާސަންދައަށް 1،698 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އާސަންދަ ސްކީމަށް ކަނޑައެޅި ބަޖެޓު މިދިޔަ އަހަރުވެސް ނުނިމެނީސް ވަނީ ހުސްވެފަ އެވެ. މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ބަޖެޓުން އާސަންދައަށް 1.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.