ނިޝާމާ މުހައްމަދުގެ މަރު

ނޮޅިވަރަމުގައި ޝައްކު މަރެއް، ތަހުގީގު ކުރިއަށް

ހދ. ނޮޅިވަރަމުގައި މަރުވެފައި އޮތް އަންހެނަކު ފެނިއްޖެ އެވެ.

މަރުވެފައި އޮއްވާ ފެނުނީ އެރަށަށް ނިސްބަތްވާ ތިން ކުދިންގެ މަންމަ އެކެވެ. އޭނާގެ އުމުރަކީ 28 އަހަރެވެ.

އޭނާގެ ހަށިގަނޑު މިވަގުތު އޮތީ ނޮޅިވަރަމް ހެލްތު ސެންޓަރުގަ އެވެ. އޭނާގެ ހަށިގަނޑުގެ ބޭރުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަން އެނގިފައިވެ އެވެ.

ނޮޅިވަރަމުގެ ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އަންހެން މީހާގެ މަރުގައި ޝައްކުތަކެއް އެބަހުއްޓެވެ.

އަންހެން މީހާގެ ފިރިމީހާ ރަށުން "ފިލައިގެން" ގޮސްފައިވާ ކަމަށާއި އޭނާ އަކީ ނޮޅިވަރަމް ފެނަކަ އޮފީހުގައި މަސައްކަތް ކުރާ މީހެއް ކަމަށް އަވަސް މައުލޫމާތު ލިބިފައިވެ އެވެ.

ނޮޅިވަރަމްގެ ބައެއް މީހުން ބުނާ ގޮތުގައި ފިރިހެން މީހާ އަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ އެހެން ރަށަކަށް ނިސްބަތްވާ މީހެކެވެ.

މިމައްސަލަ މިއަދު 12:30 ހާއިރު ރިޕޯޓްކޮށްފައިވާތީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

އަންހެން މީހާގެ މަރާ ގުޅިގެން އޭނާގެ ހަށިގަނޑު އޮތް ސިއްހީ މަރުކަޒުގެ ކައިރިއަށް މީހުން އެއްވެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރަން ދަނީ ގޮވާލަމުންނެވެ.