- ރިޕޯޓް އާންމުކޮށްގެން ތަހުގީގަށް އަސަރެއް ކޮށްފާނެތޯ ބަލަނީ
- އެމްއެމްޕީއާރުސީގެ ހިންގުމުގައި ހުރި މައްސަލަތައް ފާހަގަކޮށްފައިވޭ
- ގިނަ އަދަދެއްގެ ފައިސާ ގެއްލިފައިވާ ކަމަށް ވަނީ ތުހުމަތު ކުރެވިފައި
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކްރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތާ ގުޅިގެން އެކުލަވާލާ އޮޑިޓް ރިޕޯޓް ނިމިފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އެމްއެމްޕީއާރްސީ އޮޑިޓް ކުރަން ހަވާލުކޮށްފައިވާއިރު ހާއްސަ އޮޑިޓް ކުރަމުން އަންނަނީ ނޮވެމްބަރު 17، 2013 އިން ފެށިގެންނެވެ. އެ ތާރީޙަކީ ރައީސް ޔާމީން ރާއްޖޭގެ ރައީސް ކަމާ ހަވާލުވެވަޑައިގެންނެވި ދުވަހެވެ.
އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން "އަވަސް"އަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް އޮޑިޓާ ޖެނެރަލް އިބްރާހިމް އައިމަން ވިދާޅުވީ، މިހާރު އެ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓް އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ.
އައިމަން ވިދާޅުވީ، އެ ރިޕޯޓްގައި އެކުލެވޭ ބައެއް ކަންތައްތަކީ ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅުން ހުރި ކަންތައްތަކެއް ކަމަށްވުމުން، ތަހުގީގުކުރަމުންދާ އިދާރާތަކަށް އެ ރިޕޯޓް ފޮނުވާފައިވާ ކަމަށެވެ. އަދި ރިޕޯޓްގައި އެކުލެވޭ ކަންތައްތައް ހާމަ ކުރުމުގެ ސަބަބުން ތަހުގީގަށް އަސަރެއް ކޮށްފާނެތޯ ބެލުމަށް އެ އިދާރާތަކުގައި އެދިފައިވާނެ ކަމަށް ވެސް އައިމަން ވިދާޅުވި އެވެ. އެ އިދާރާތަކުން ރިޕޯޓަށް ކްލިއަރެންސް ދިންހާ އަވަހަކަށް ރިޕޯޓް ނެރޭނެ ކަމަށް ވިދާޅުވި އެވެ.
އައިމަން ވިދާޅުވެފައިވަނީ، އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓްގައި ހިމަނާފައިވަނީ، އެމްއެމްޕީއާރްސީ ހިންގުމުގައި ފާހަގަވެފައިވާ މައްސަލަތަކާއި އެމްއެމްޕީއާރްސީއިން ހިންގާފައިވާ މުއާމަލާތްތަކުގައި ފާހަގަވެފައިހުރި ކަންތައްތައް ކަމަށެވެ. މީގެއިތުރުން ވެސް ހުރިހާ އޭރިއާތަކަކަށް ވެސް ބަލައި ފާހަގިވި ކަންތައްތައް ރިޕޯޓްގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އޮޑިޓް ރިޕޯޓް އެކުލަވާލުމުގައި ކަމާބެހޭ ފަރާތްތަކުގެ އެއްބާރުލުން ލިބުން ކަމަށް ވެސް އައިމަން ވިދާޅުވެފައިވެ އެވެ.
އެމްއެމްޕީއާރްސީއަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހައްޔަރު ކުރީ އެ ކުންފުނިން ބައެއް ފަޅުތަކާއި ރަށްތައް ކުއްޔަށް ދީގެން ލިބޭ ފައިސާއާބެހޭ ގޮތުން ފުުލުހުން ތަކުރާރުކޮށް ސުވާލު ކުރުމުން ޖަވާބު ނުދީގެންނެވެ. ޒިޔަތުގެ މައްޗަށް މިހާރު ވަނީ، ކޮރަޕްޝަން އެކުލެވޭ ގޮތަށް ރަށްތައް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ތުހުމަތުކޮށް ހިޔާނާތުގެ ދައުވާ އުފުލާފައެވެ.
ޒިޔަތުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރުގެ މައްޗަށް ވެސް ވަނީ އެމްއެމްޕީއާރްސީން ދޫކުރި ރަށްތަކެއްގެ މައްސަލައިގެ ދައުވާކޮށްފައެވެ. އަދި އިތުރު ރަށްތަކެއްގެ މައްސަލައިގައި ދައުވާކުރަން ވެސް ފޮނުވާފަ އެވެ. އެމްއެމްޕީއާރުސީ އިން ރަށްތައް ދޫކޮށްގެން ދައުލަތަށް ފައިސާ ނުދީ އަމިއްލަ އެކައުންޓްތަކަކަށް ބިލިއަނަކާ ގާތް ކުރާ އަދަދަށް ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އަޑު ފެތުރިފައިވެ އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އަކީ ކުންފުނީގެ އެމްޑީ، އަބްދުﷲ ޒިޔަތުގެ ބޭބެއަށް ވާތީ އެ އޮޑިޓް ކުރުމުގައި އޮޑިޓާ ޖެނެރަލް އެއްވެސް ވަރަކަށް ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.