މޯލްޑިވްސް ޕޮލިސް ސާވިސް

ޝިއާއުގެ މަރު: މިމަހު ދައުވާކުރަން ތައްޔާރުވަނީ

Dec 14, 2022

ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް އަށް ދައުވާކުރުމާ މެދު މިމަހުގެ ތެރޭގައި ގޮތެއް ނިންމަން ތައްޔާރުވެއްޖެ އެވެ.

ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުން މީގެކުރިން ދީފައިވާ މައުލޫމާތުގައި އަބަދުވެސް ބުނެފައިވަނީ އަލީ ޝާހިލްގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ނުލިބޭ ކަމަށެވެ. މިމައްސަލައިގައި ފުލުހުން އެންމެ ފަހުން ބުނެފައިވަނީ ޝާހިލްގެ ފޯނު ހޯދައި ފޯނުން ބޭނުންވާ މައުލޫމާތު ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ޝިއާއުގެ މަރުގެ މޯޓިވް ނުވަތަ ސަބަބު ހޯދުމަށް ފުލުހުންގެ ތަހުގީގު ކުރިއަށްދާ ކަމަށާއި މައްސަލައިގައި އިންސާފު ހޯދައިދިނުމަކީ ތަހުގީގުގެ ބޭނުން ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ޝިއާއުގެ މަރުގެ ތަހުގީގު ނިންމާ ދައުވާ ކުރަން ފޮނުވޭނޭ ތާރީހުތަކެއް މީގެކުރިން ވެސް ފުލުހުން ދީފައިވެ އެވެ. ނަމަވެސް އެ ތާރީހުތަކަށް މައްސަލަ ނިންމާ ޕީޖީ އޮފީހަށް ފޮނުވާފައެއް ނުވެ އެވެ. ނަމަވެސް ފުލުހުންގެ ތަހުގީގަށް ބަލައި މިހާރު ދަނީ މިމަހުގެ ތެރޭގައި މިމައްސަލައިގައި ދައުވާކުރުމާ މެދު ގޮތްތަކެއް ނިންމުމަށް ތައްޔާރުވަމުންނެވެ.

ޝިއާއު މަރާލާފައި އޮއްވާ ފެނުނީ މިއަހަރުގެ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެ ރޭ އެވެ. ޝިއާއުގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ ޝާހިލްއާ އެކު އެ އެޕާޓްމެންޓުގައި އުޅުނު ދެމަފިރިންނެވެ. ޝިއާއު މަރާލި ކަމަށް ތުހުމަތުކުރާ ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިން މަސްތުގެ ހާލަތުގައި ހުއްޓަ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ޝިއާއުގެ މަރުގެ މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައިވެ އެެވެ. މި މައްސަލައިގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަށް ފާހަގަނުކުރެވޭ ކަމަށްވެސް ބުންޏެވެ.

ޝިއާއުގެ މަރާ ގުޅިގެން 45 މީހުންނަށްވުރެ ގިނަ މީހުންނާ މިހާތަނަށް ސުވާލުކޮށް އިތުރު ސިސީޓީވީ ފުޓޭޖުތައް ދިރާސާކޮށްފައިވެ އެވެ.

ފުލުހުން ބުނީ ޝިއާއު މަރުވީ ލިބުނު ޒަހަމްތަކުންކަން ޕޯސްޓްމޯޓަމް އިން އެނގޭ ކަމަށާއި ޝިއާއު މަރުވި ފަހުންވެސް ބައެއް ގުނަވަންތަކަށް ހަމަލާދީފައިވާކަން ލިބުނު މައުލޫމާތުން އެނގޭ ކަމަށެވެ.

ޝިއާއުގެ މަރާއި ގުޅިގެން ތުހުމަތު ކުރެވޭ ޝާހިލްގެ ސައިކޮލޮޖިކަލް އެސެސްމަންޓް ހަދާފައިވާއިރު ނަފުސާނީ މައްސަލައެއް ޝާހިލްގެ ހުރިކަން ފާހަގަ ނުކުރެވޭ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.