އެމްޑީޕީ

ނަޝީދު ޔޫކޭއަށް ވަޑައިގެންނެވުމުން، އެމްޑީޕީގެ މަރުހަބާ ސަރުކާރަށް

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ހުއްދަ ދެއްވުމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ނިންމެވި ނިންމެވުމަށް އެމްޑީޕީއިން މަރުހަބާ ކިޔައިފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ހުއްދަ ދިނުމަކީ ސިޔާސީ މަސްރަހަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން އެޅި މިފަދަ ފުރަތަމަ ފިޔަވަޅު ކަމަށެވެ. އަދި މި މަގުން ރާއްޖޭގައި އަޅަންހުރި ގިނަ ފިޔަވަޅުތަކެއް އަވަސްގޮތެއްގައި އަޅުއްވައި ރާއްޖެއަށް ހަމަޖެހުން ގެނެސްދެއްވުމަށް ރައީސް ޔާމިނަށް އެމްޑީޕީި އިން ގޮވާލާ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.

"ސިޔާސީ މަޤުސަދު ޙާސިލުކުރެއްވުމަށް ހައްޔަރުކުރެވިފައިވާ ރައީސް މުޙައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ އާއި، ކާނަލް މުޙައްމަދު ނާޒިމާއި އަދި މިނޫން ވެސް އެންމެހައި ސިޔާސީ ލީޑަރުންގެ އިތުރުން ބަންދުގައާއި އެކިއެކި ޖިނާޢީ މަރުޙަލާތަކުގައިވާ 1700 އަށްވުރެ ގިނަ ފަރާތްތައް މިނިވަންކުރައްވައި، އެ މައްސަލަތަކަށް ނިމުމެއް ގެންނަވައި، ރާއްޖޭގެ ސިޔާސީ މަސްރަހަށް ފިނިކަން ގެންނެވުމުގެ މަސައްކަތްޕުޅު އަވަސް ކުރުރެއްވުމަށް ސަރުކާރަށް ގޮވާލަމެވެ. އަދި އެ މަސައްކަތްޕުޅު އެމަގުން ގެންދެވުމަށް ހުރިހާ ސިޔާސީ ޕާޓީތަކުގެ މެދު މަޝްވަރާގެ ވާހަކަތައް އަލުން ފެއްޓެވުމަށް ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ދިވެހިރާއްޖޭގެ ޑިމޮކްރެސީގެ ނިޒާމު ހަރުދަނާކޮށް، ގާނޫނުގެ ވެރިކަން ނަގަހައްޓައި، މިނިވަން އިންސާފުވެރި ޖުޑިޝަރީއެއް ގާއިމުކޮށް، މުވައްސަސާތަކުގެ މިނިވަންކަން ނެގެހެއްޓެވުމުގެ މަސައްކަތް ފެށުމަށް އެމްޑީޕީއިން ވަނީ ގޮވާލާފަ އެވެ. ހަމައެފަދައިން އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށާއި، ފަރުދީ މިނިވަންކަން ކަށަވަރުކުރުމަށާއި އަދި ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ފުރިހަމައަށް ޖާގަދެއްވުމަށް ވެސް ގޮވާލާފައިވެއެވެ. މީގެއިތުރުން ރާއްޖެއާއި ބައިނަލްއަގުވާމީ ދުނިޔެއާ އޮންނަ ގުޅުން ހީނަރުވެގެންދާ ފަދަ ސިޔާސަތުތައް ބަދަލުކޮށް ރާއްޖެއަކީ ދުނިޔޭގެ ކުރިމަތީގައި ގަދަރުވެރި އަދި ޝަރަފުވެރި ގައުމަކަށް ހެދުމުގެ މަސައްކަތް ފެށުމަށް ވެސް ސަރުކާރަށް އެމްޑީޕީއިން ވަނީ ގޮވާލާފައެވެ.

ނަޝީދު ބޭސްފަރުވާއަށް ދޫކޮށްލުމުން ގައުމުތަކުން ގެންދަނީ ދިވެހި ސަރުކާރަށް މަރުހަބާ ކިޔަމުންނެވެ. އެގޮތުން އިންޑިއާ، އިނގިރޭސިވިލާތް އަދި އެމެރިކާއިން ވަނީ ސަރުކާރަށް މަރުހަބާ ކިޔާފައެވެ. އަދި މީގެ އިތުރުން ކޮމަން ވެލްތު ފަދަ ޖަމިއްޔާތުން ވެސް ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ. ބޭސްފަރުވާއަށް ފަހު ނަޝީދު ރާއްޖެ އައިސް ޖަލު ހުކުމުގެ ބާކީ ބައި ފުރިހަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. ނަޝީދުގެ ޖަލު ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓްގައި ވަނީ ނަޝީދުގެ ފަރާތުން އިލްތިމާސް ކޮށްފަ އެވެ.