ތިމާވެށި

ޕްލާސްޓިކް ކޮތަޅުން ފީ ނެގުން ލާޒިމުވާ ބިލް ތަސްދީގު ކުރައްވައިފި

ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީ ނެގުން ލާޒިމުކުރާ ކުނި މެނޭޖުކުރުމުގެ ބިލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ޕްލާސްޓިކް ކޮތަޅުން ފީ ނެގުން ލާޒިމުވާނީ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަތަރު މަސް ދުވަސް ހަމަވާ ދުވަހުން ފެށިގެން ނެވެ. އެ ތާރީހު ހަމަވާނީ އެޕްރީލް 18 ވަނަ ދުވަހަށެވެ.

ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް އެ ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަން ޖެހޭނެ އެވެ.

ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ނެގުން އިސްތިސްނާ ހާލަތްތަކެއް ހިމަނާފައިވެ އެވެ. އެ ގޮތުން ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި ބަންދުނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު ހިމެނެ އެވެ. އޭގެ އިތުރުން ކުނި މެނޭޖުކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ނުވަތަ ކަމާ ބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނާ" ހިމެނެވެ.

ކުނި މެނޭޖުކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު އެވެ. ބިލުގެ ފުރަތަމަ ކިޔުން އޮތީ މޭ 18، 2022ގަ އެވެ.

ބިލް މަޖިލީހުން ފާސްކުރީ ނޮވެމްބަރު 28، 2022 ވަނަ ދުވަހު އެވެ.