އެމްއޭސީއެލް

ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެދިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ ގަޑީގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފި އެވެ.

ދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް "އިމުގާ" މެދުވެރިކޮށް ދުރާލާ ޗެކް-އިން ފޯމް ފުރުމަށްވެސް އެމްއޭސީއެލް އިން ވަނީ އެދިފަ އެވެ.

އެމްއޭސީއެލް އިން މިގޮތަށް އިލްތިމާސްކޮށްފައިވާއިރު މި ދުވަސްވަރަކީ އުމްރާއަށް މީހުން ފުރާ ދުވަސްވަރެކެވެ. މީގެއިތުރުން ސްކޫލު ޗުއްޓީ ކުރިއަށް އޮތް އިރު މި ދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނެވެ.

މީގެ ކުރިންވެސް ސްކޫލު ޗުއްޓީ އަދި އީދު ބަންދު ދުވަސްތަކާއި ދިމާކޮށް އެމްއޭސީއެލް އިން ވަނީ ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފަ އެވެ.

ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް ވީއައިއޭގެ ކެޕޭސިޓީވެސް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން އެއާޕޯޓް އެރައިވަލް އަދި ޑިޕާޗާގައި ހުންނަ އިމިގްރޭޝަންގެ ކައުންޓަރުތައް އިތުރުކުރުމާއި ޓޫރިސްޓުންނަށް ހާއްސަ 80 ކައުންޓަރު އެއާޕޯޓްގައި ގާއިމްކުރުން ހިމެނެ އެވެ.