އިލެކްޝަން ކޮމިޝަނުން ބައެއް ތަކެތި ވަގަށް ނަގާފައިވީ ނަމަވެސް މިހާރު ބާއްވަން ތައްޔާރުވަމުންދާ ބައި-އިލެކްޝަނަށް އަސަރެއްނުކުރާނެ ކަމުގައި އެ ކޮމިޝަނުން ބުނެފި އެވެ.
އީސީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ދެ ވައްކަމެއް ފާހަގަކޮށްފަ އެވެ. އެއީ މިދިޔަ މަހު 30ގައި އީސީގެ ސެކިއުރިޓީ ރޫމު ފަޅާލުމާއި އަރަބިއްޔާ ސްކޫލް ބާ އިމާރާތުގައި ހުންނަ އީސީގެ ގުދަނެއް ފަޅާލުމެވެ.
ސެކިއުރިޓީ ރޫމު ބޭރުން ވަދެ އެތަނުންގައި ހުރި ބޭނުން ނުކުރާ ތިޖޫރިއަކަށް ގެއްލުންދީ ލޯކަލް ކައުންސިލް އިންތިހާބުގައި ބޭނުންކުރި ފަސް ނެޓްބުކް ވަނީ ވަގަށް ނަގާފަ އެވެ. އަރަބިއްޔާ ބާ އިމާރާތުގައި ހުރި ގުދަނުން 11 ޔޫޕީއެސް އާއި 65 އިންޗީގެ ދެ ޓީވީއާއި ދެ ސްޕީކަރު ސެޓާއި އެކްޓެންޝަން ބޯޑެއް ވަގަށް ގެންގޮސްފައިވެ އެވެ.
މި ދެ ހާދިސާ އާއި މީގެ އިތުރުންވެސް ހިނގާފައިވާ މިފަދަ ހާދިސާތަކާއި ގުޅިގެން ފުލުހުންނާއި މަޝްވަރާކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އެޅެން އޮތް ފިޔަވަޅުތަކާ މެދު މަޝްވަރާކޮށްފައިވާ ކަމަށް އީސީން ވަނީ ބުނެފަ އެވެ.
ވައްކަންތަކާއި ގުޅިގެން އެ ދެ އިމާރާތުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރާނެ ކަމަށްވެސް އީސީން ވަނީ ބުނެފަ އެވެ.