ކުރީގެ ކޯޗު ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗަކަށް ހަމަޖައްސައިފި އެވެ.
ހުސްވި ސީޒަނުގައި ރެލިގޭޓްވި މަހިބަދޫ ސްޕޯޓްސް ކުލަބުގެ ކޯޗަކަށްހުރި ސްޓޮއިކޯފަކީ ދެ ފަހަރެއްގެ މަތީން ނިއު އާއި ގައުމީ ޓީމަށް ވެސް ކޯޗުކޮށްދީފައިވާ ކޯޗެވެ.
އޭނާ މިއަދު ބުނީ "ދެތިން ދުވަހެއްގެ ތެރޭގައި މާލެ ދާނެ ކަމަށާއި ނިއުއިން ފުރުސަތު ލިބުމަކީ އަނެއްކާ ވެސް އުފާވެރި އިހުސާސްތަކެއްކުރުވި ކަމެއް،" ކަމަށެވެ.
2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް ނިއު ގެންގޮސްދިން ކޯޗު ސްޓޮއިކޯފް ޓީމާ ހަވާލުވާއިރު ނިއު ވަނީ މިދިޔަ ހަތަރު އަހަރަށްވުރެ ބަލިކަށިވެފަ އެވެ. މުހިންމު ކުޅުންތެރިން ކަމަށްވާ މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ޝާފިއު އަހުމަދު ވެލެންސިއާ އަށް އަދި އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބުދުﷲ (ލިލީ) ޓީސީ އަށް އަދި ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) ވަނީ މާޒިޔާ އަށް ބަދަލުވެފަ އެވެ.
ޓީމަށް އަލަށް ގެނެސްފައިވަނީ އީގަލްސްގެ ޑިފެންޑަރު އަބުދުﷲ ހަނީފް (ބެންޖޯ) އާއި މާޒިޔާގެ ފަރުހާދު އިސްމާއީލް އާއި ވިކްޓަރީގެ އަހުމަދު ނިޔާޒް އާއި ޒުވާން ބައެއް ކުޅުންތެރިންނެވެ.
ނިއު ވަނީ މިދިޔަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކޮށް ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި ކުޅެފަ އެވެ.