ލައިފްސްޓައިލް

ކައިވެނީގައި މައްސަލަ ޖެހުނީތަ؟ އެހެންވިއްޔާ ހައްލުކުރޭ!

ކޮންމެ މީހަކު ވެސް ކައިވެނި ކުރަނީ ހުވަފެންތަކަކާއެކު އެވެ. މުޅި ހަޔާތް އެކީގައި އުޅުމަށް ވައުދުވެގެންނެވެ. ނަމަވެސް ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވަނީސް ކައިވެނީގައި މައްސަލަތައް ޖެހެން ފަށަނީ މަދު ފަހަރަކު ނޫނެވެ. ރާއްޖެއަކީ ވެސް މި މައްސަލަ ބޮޑު ގައުމެކެވެ. އެކަން ރާއްޖޭގެ ވަރީގެ ތަފާސް ހިސާބުތައް ބަލާލުމުން ސާފުވެގެންދެއެވެ.

ގިނަ މީހުންނަށް ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާކަށް ނޭނގޭ އެވެ. އޭގެ ސަބަބުން ދެމީހުންޖެހެނީ ދުރުވާށެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ގޮތަށް ނުވެދާނެއެވެ. ކައިވެނީގެ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާށެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކަށް ބަލާލާނަމެވެ.

1- އަމިއްލަ އިހުސާސްތައް ހިފެހެއްޓުން
ބައެއް ފަހަރަށް އަމިއްލަ އިހުސާސްތައް ހިފަހައްޓަންޖެހޭނެ ފުރުސަތުތައް ހަޔާތުގައި އަންނާނެއެވެ. އަދި ބައިވެރިޔާގެ އިހުސާސްތައް ދެމެގަނެ، އެކަން ކަމަށް ސަމާލުކަން ދޭން ވާނެއެވެ. ކަމެއްގައި ދެމީހުން ޒުވާބެއް ކުރާ ނަމަވެސް ޒުވާބު އިތުރަށް ހޫނު ވެގެން ނުދާނީ އެކެއްގެ އިހުސާސްތައް މައިތިރިކޮށްގެންނެވެ.

2- ޒުވާބުނުކޮށް އަޑުއެހުން
ބައިވެރިޔާ ދައްކާ ވާހަކަ އަޑުއެހުމަކީ މުހިންމު ކަމެކެވެ. އެކަމެއްގައި ބައިވެރިޔާ ނުބައިވި ނަމަވެސް އޭނާ ދައްކާ ވާހަކަތައް އަޑުއަހައި، އެ ވާހަކަތަކާ ޒުވާބުނުކޮށް މަޑުމަތިރި ކަމާއެކު ވާހަކަ ދައްކާށެވެ. ޒުވާބުކުރަން ވެއްޖަނަމަ ގުޅުން ނެތިކޮށްގޮސް، ކައިވެނި ރޫޅެން އޮންނަނީ ކައިރިވެފައެވެ.

3- ކަންކަން ހިއްސާކުރުން
ދިރިއުޅުމުގައި ދިމާވާ ކަންކަން، ބައިވެރިޔާއާ ހިއްސާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކަންކަން ފޮރުވާނަމަ ބައިވެރިޔާ ދެމެދު އޮންނަ ގުޅުމަށް ބުރޫއަރައި ގުޅުން ދުރުވެދެއެވެ. ދެ މީހުންނަށް ދިމާވާ ކަންކަން އެކަނި ތިބެ، އެކަކު އަނެއްކަކާ ހިއްސާކުރުމަކީ ގުޅުން ބަދަހިކުރުމަށް ވަރަށް ރަނގަޅު ކަމެކެވެ. މީގެ ސަބަބުން ތިމާއަށް ހިންހަމަ ޖެހުން ލިބެއެވެ. އުފާވެރިކަން ލިބިގެންދާނެއެވެ. ކަންކަން ހިއްސާކުރުމަކީ ޖަޒުބާތީ ގޮތުން ވެސް ދެ މީހުން އިތުރަށް ގުޅިގެން ދާނެ ކަމެކެވެ.

4- ޕްރޮފެޝަނަލް ސަޕޯޓް ހޯދުން
ދެމަފިރިން އެކުގައި ވާހަކަ ދައްކައި، މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރުމުން ވެސް މައްސަލަތައް ހައްލުނުވާނަމަ ޕްރޮފެޝަނަލެއްގެ އެހީ ހޯދިދާނެއެވެ. ކައުންސިލިން ހޯދި ދާނެ އެވެ. ނުވަތަ ސައިކޮލަޖިސްޓަކާ ވެސް ބައްދަލުކޮށްލުމަކީ ރަނގަޅު ކަމެކެވެ.

5- ބައިވެރިޔާއާއެކު އުފާވެރި ވަގުތަކެއް ހޭދަކުރުން
ބައިވެރިޔާ ގޮވައިގެން ދުއްވާލަން ގޮސް ނުވަތަ އެކަކުގައި ކާން ދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. ނުވަތަ އެކީގައި ޗުއްޓީއަށް ގޮސްލައި މަޖާކޮށްލުމަކީ ގުޅުން ބަދަހިވެ، ގުޅުން ހަރުދަނާވެގެންދާނެ އެވެ. އަދި މައްސަލަތަކަށް ވެސް ހައްލު ލިބިގެންދާނެ އެވެ.