ހަބަރު

ދާންދޫގައި އެއާޕޯޓެއް އަޅައިދިނުމަށް ހުށަހަޅައިފި

ގއ. ދާންދޫގައި އެއާޕޯޓެއް އަޅައިދިނުމަށް އެރަށުގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވައިފި އެވެ.

ދާންދޫގައި އެއާޕޯޓެއް އެޅުމަށް ހުށަހެޅީ ރައީސް ސޯލިހް މިހާރު ގއ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުުފުޅުގައި ދާންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދާންދޫ އަކީ މަސްވެރި ރަށެއް ކަމަށް ވިދާޅުވެ މަސްވެރިންނަށް ދިމާވެފައިވާ އެތައް މައްސަލަތަކަކަށް އެދެވޭ ހައްލުތަކެެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމުގައި ވިދާޅުވެފަ އެވެ. މިގޮތުން ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި މަސްވެރިންގެ ޝަކުވާތަކަށް އެދެވޭ ހައްލުތަކެއް ހޯއްދަވައި ދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

ދާންދޫ ރައްޔިތުން ވަނީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ރައީސްއާ މަޝްވަރާ ކުރައްވާފަ އެވެ.

މިގޮތުން ރަށުގެ ރައްޔިތުން ވަނީ ދާންދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުން މުހިއްމުކަމާއި، ދޯނި ފަހަރު އެހެލާނެ ސަރަހައްދެއް ގާއިމުކުރުމާއި މަސްކިރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ބޭނުންވާކަން ހާމަކޮށްފަ އެވެ. އަދި ރަށުގައި އެއާޕޯޓެއް އެޅުމަށާއި، ފަތުރުވެރިކަން އެރަށުގައި ކުރިއަށް ގެންދަން ވަސީލަތްތައް ގާއިމުކުރުމަށާއި އަދި އިތުރު އާމްދަނީއާއި ވަޒީފާގެ ފުރުސަތު ފަހިވާނެ ގޮތްތަކެއް ހަމަޖައްސައިދެއްވުމަށް ވެސް ހުށަހެޅި އެވެ.

މީގެ އިތުރުން ރައްޔިތުން ވަނީ ދާންދޫއިން ލިބޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި ސްކޫލަށް ބޭނުންވާ ކަންކަން ކޮށްދިނުމަށްވެސް ރައީސްއަށް ދަންނަވާފަ އެވެ.

ރައީސް ވަނީ ދާންދޫ ރައްޔިތުން އެދިފައިވާ ކަންކަން ސަރުކާރަށް ވީވަރަކުން ފުއްދަވަމުން ގެންދަވާނެ ކަމުގައި ވިދާޅުވެފަ އެވެ.

ހުވަދު އަތޮޅުގައި މިހާރުވެސް އެއާޕޯޓްތަކެއް ހިންގަ އެވެ. މީގެތެރޭގައި މާވަރުލު އެއާޕޯޓާއި ކޫއްޑޫ އެއާޕޯޓާއި ކާޑެއްދޫ އެއާޕޯޓް ހިމެނެ އެވެ. މީގެއިތުރުން ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމަށްވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ.