ޓޫރިޒަމް

ޓޫރިސްޓް އެނދުގެ އަދަދު 59،771 އަށް

ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށިފައިވާއިރު ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަނުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިވަގުތު 59،771 އެނދު ބޭނުން ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިކަމަށް 1،203 ތަނެއް ދަނީ ހިންގަމުންނެވެ.

އެ މިނިސްޓްރީން ހާމަކުރި ގޮތުގައި މިވަގުތު ހިންގަމުންދާ 168 ރިސޯޓުގައި 41،081 އެނދު ދަނީ ފަތުރުވެރިކަމަށް ބޭނުންކުރަމުން ނެވެ. 861 ގެސްޓްހައުސްގައި 14،140 އެނދު ބޭނުންކުރާއިރު 158 ސަފާރީ އުޅަނދުގައި 2،918 އެނދު އެބަހުއްޓެވެ.

ފަތުރުވެރިކަމަށް 13 ހޮޓަލެއްގައި 1،616 އެނދު ބޭނުންކުރާއިރު ހޯމްސްޓޭ ފަތުރުވެރިކަމަށް ހިންގާ ތިން ތަނެއްގައި 16 އެނދު ބޭނުންކުރެ އެވެ.

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 1.6 މިލިއަނަށް އަރާފަ އެވެ.

އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރީ އިންޑިއާ އިންނެވެ. ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 14.5 އިންސައްތައަކީ އިންޑިއާ ފަތުރުވެރިންނެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާ އިންނެވެ. އެއީ 12 އިންސައްތަ ފަތުރުވެރިންނެވެ.

އިނގިރޭސިވިލާތަކީ ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ގައުމެވެ.