ފިލްމު އަދި ޓީވީ އެކްޓަ ތުނީޝާ ޝަރުމާގެ ކުއްލި މަރާއެކު ގިނަ ބަޔަކު އެ މަރުގެ ތުހުމަތު ކުރަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ މުހައްމަދު ޝީޒަން ޚާން އަށެވެ.
ތުނީޝާ މަރުވިއިރު މަސައްކަތް ކުރަމުންދިޔަ ސިލްސިލާ "އަލީ ބާބާ: ދާސްތާން-އޭ-ކާބުލް"ގައެވެ. މި ސީރީޒްގައި ލީޑް ރޯލު ކުޅެމުން ދިޔައީ މި ދެ އެކްޓަރުންނެވެ.
ތުނީޝާގެ މަރާއެކު އޭނާގެ އާއިލާއިން ޝީޒަން އަށް ބޮޑެތި ތުހުމަތުތަކެއްކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅުމުން ފުލުހުން މިހާރު ވަނީ ޝީޒަން ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތު ވެސް ޖަހައިދީފަ އެވެ.
ފުލުހުން ސުވާލު ކުރުމުން ޝީޒަން ބުނެފައިވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އޭނާ ވަނީ ތުނީޝާ އާ ރުޅިވެފައި ކަމަށެވެ. އަދި ތުނީޝާ އާ އޮތް ލޯބީގެ ގުޅުން ކަނޑާލަން އޭނާ ނިންމީ މިހާރު މުމްބާއިގައި ފެންމަތިވެގެން އުޅޭ ޝްރައްދާ ވޯކާ ކިޔާ ޒުވާން އަންހެނެއް މަރާލި މައްސަލައަކާ ގުޅިގެން ކަމަށެވެ. ޝްރައްދާ މަރާލީ އޭނާގެ ލޯބިވެރިޔާ އާފްތާބް ޕޫނާވާލާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އާފްތާބް އަކީ މުސްލިމެކެވެ. އަދި ޝްރައްދާ އަކީ ހިންދޫ އެކެވެ. އެހެންވެ މިއީ "ލަވް ޖިހާދު" އެއް ކަމަށް ސިފަކޮށް މިއީ މުސްލިމް ފިރިހެނަކާއި ހިންދޫ އަންހެނަކަށް ވީތީ ހިނގި ކަމެއް ކަމަށް ސިފަވާ ގޮތަށް އިންޑިއާގެ ނޫސްތަކުން ލިޔެފައި ވެއެވެ.
ޝީޒަން ބުނަނީ އޭނާއަކީ ވެސް މުސްލިމަކަށް ވެފައި ތުނީޝާ އަކީ ހިންދޫ އަކަށް ވާތީ އެމީހުން ލޯބިވެގެން އުޅުމަކީ ވެސް މިފަދަ "ލަވް ޖިހާދު"އަކަށް ބެލެވިދާނެތީ އޭނާ ބިރުގަތީ އެވެ. އެހެންވެ ތުނީޝާ އާ ވަކިވާން ނިންމީ އެވެ.
އަދި ތުނީޝާ އާ ވަކިވާން އޭނާ ނިންމި އަނެއް ސަބަބަކީ އެ ދެ މީހުންގެ އުމުރުގެ ތަފާތުކަން ބޮޑުކަމުން ކަމަށް ވެސް ޝީޒަން ފުލުހުން ކައިރީ ބުނި ކަމަށް ވެއެވެ.
މީގެ ކުރިން ވެސް ތުނީޝާ އަމިއްލައަށް މަރުވާން މަސައްކަތްކުރި ކަމަށް ވެސް ޝީޒަން ބުންޏެވެ. އަދި އެ ފަހަރު އޭނާ ސަލާމަތްކުރީ ޝީޒަން ކަމަށާއި އެ ވާހަކަ ތުނީޝާގެ މަންމަ ކައިރީގައި ބުނެ އޭނާ ރަނގަޅަށް ބެލެހެއްޓުމަށް ވެސް އިރުޝާދު ދިން ކަމަށް ޝީޒަން ބުނެފައި ވެއެވެ.
ޝީޒަން ރުޅިވިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުން ތުނީޝާ ފެނިފައިވަނީ އެމީހުން ކުޅެމުންދާ "އަލީ ބާބާ"ގެ ސެޓުގެ މޭކަޕް ރޫމްގެ ފާހާނާގައި މަރުވެފައި އޮއްވަ އެވެ. އެ ވަގުތަކީ ސައި ގަޑި ޖެހިގެން ޝޫޓިން މެދުކަނޑާލާފައި އޮތް ވަގުތެކެވެ. ތުނީޝާ ފާހާނާއަށް ވަން ގޮތަށް ނުނިކުމެ މާ ގިނައިރުވެސް ތަޅު ހަލާކުކޮށްލާފައި ވަދެ ބެލިއިރު އޭނާ ހުރީ ދަންޖެހިފައި ކަމަށް ވެއެވެ.
އޭގެ ކުރިން ވެސް ތުނީޝާގެ ޑިޕްރެޝަން އާއި އެންޒައިޓީގެ މައްސަލަތައް ހުންނަ ކަމަށް އޭނާ އާ ގާތް މީހުން ބުނެފައި ވެއެވެ. އަދި ޝީޒަންގެ ކުއްލި ވަކިވުމުން ތުނީޝާ އަށް ކުރި އަސަރުން މިފަދަ ކަމެއް ކުރީ ކަމަށް ބެލެވޭ ކަމަށް އޭނާ ދަންނަ އެކުވެރިން ބުނެފައި ވެއެވެ. ނަމަވެސް ތުނީޝާގެ އާއިލާއިން މިކަމުގެ ޒިންމާ އަޅުވަނީ ޝީޒަންގެ ބޮލުގަ އެވެ. ތުނީޝާ މަރުވާން މަޖްބޫރުކުރީ ޝީޒަން ކަމަށް ބުނެފަ އެވެ.
ފުލުހުން ވެސް ޝީޒަން ހައްޔަރުކޮށް މައްސަލަ ބަލަމުންދަނީ ތުނީޝާގެ އާއިލާގެ ތުހުމަތުތަކާ ގުޅިގެންނެވެ.