އިނދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ހައްޔަރުކުރި އެންމެންވެސް ދޫކޮށްލައިފި އެވެ.
އަވަސްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ހައްޔަރު ކުރި 15 މީހުންވެސް ދޫކޮށްލާފައިވާ ކަމަށެވެ. އެމީހުން ދޫކޮށްލާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަަށް ފުލުހުން މައުލޫމާތު ދެއެވެ.
މާލޭގައި އިދިކޮޅު ކޯލިޝަނުން ސިލްސިލާ މުޒާހަރާތަކެއް ފަށާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް 11 އަހަރަށް ޖަލަށްލުމަށް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
އާދިއްތަ ދުވަހުގެ ރޭ ވެސް އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާކޮށްފައިވެ އެވެ. އެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 16 މީހުންވެސް ވަނީ ދޫކޮށްލާފަ އެވެ.
ރޭގެ މުޒާހަރާގައިވެސް އިނދިކޮޅު ކޯލިޝަނުގެ އިސްވެރިން ބައިވެރިވެފައިވާއިރު މުޒާހަރާގެ ބައިވެރިން ދިޔައީ ރައީސް ޔާމިނު މިނިވަންކުރުމަށް ގޮވަމުންނެވެ.
ދައުލަތުން ރައީސް ޔާމީނުގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވެ ޖަލަށްލުމަށް ހުކުމް ކުރުމުން އެމަނިކުފާނު މިހާރު ވަނީ މާފުށީ ޖަލަށް ގެންގޮސްފަ އެވެ.
ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ގާޒީ ހުކުމް ކުރީ މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ހަތް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ. އަދި ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމަށެެވެ. މި ދެ ހުކުމާ އެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް ޔާމީން ތަންފީޒު ކުރަން ޖެހިވަޑައިގަންނަވާނެ އެެވެ.