ރިޕޯޓް

ކްރޫޒްލައިނާއެކު ބިދޭސީ ގައިޑުން ރާއްޖެއަށް! ނުހުއްޓުވެނީ ކީއްވެ؟

  • ޓުއާ ގައިޑުންގެ ގަވާއިދު ތަންފީޒެއް ނުކުރެވޭ
  • ކްރޫޒްލައިނާ ޓޫރިސްޓުން ގޮވައިގެން ބޭރު ގައިޑުން އުޅޭ
  • ފާސް ނެތް ގައިޑުންނާ މެދު ފިޔަވަޅެއް ނޭޅެ

ރާއްޖޭގައި ޓުއާ ގައިޑުކަން ކުރެވޭނީ ފާސް އޮންނަ މީހުންނަށެވެ. ޓޫރިޒަމް ގާނޫނުން ބާރު ލިބިގެން ހަދާފައިވާ، "ޓުއާ ގައިޑުންގެ ގަވާއިދުގައި" ބުނަނީ މިހެންނެވެ. ނަމަވެސް ރާއްޖެ އަށް ބޮޑެތި ކްރޫޒްލައިނާތައް އަންނައިރު، ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. އެ ކްރޫޒްލައިނާއާއެކު އަވަށްޓެރި ގައުމުތަކުން ބިދޭސީ ޓުއާ ގައިޑުން ރާއްޖެ އަންނަނީ އެވެ. ކްރޫޒްލައިނާ ފަހަތުން "އުދުހޭ" ގައިޑުންގެ އުނދަގޫ މި ވަނީ ބޮޑުވެފަ އެވެ.

"ވަރަށް ބޮޑު ދުއްތުރާ އެއް މިއީ. ޓުއާ ގައިޑު ފާސް ނެތް ބިދޭސީން ކްރޫޒްލައިނާ ރާއްޖެ އަންނައިރު ތިބެނީ ރާއްޖޭގައި. އެ މީހުން ޓޫރިސްޓުން ގޮވައިގެން ދަނީ،" ރާއްޖޭގެ ޓުއާ ގައިޑެއް ބުންޏެވެ.

މާލެއަށް އިއްޔެ ބަނދަރު ކުރި ދެ ކްރޫޒްލައިނާ އައުމުން ވެސް މި މަންޒަރު ބަދަލެއް ނުވި އެވެ. "އަވަސް" އަށް އެނގިފައިވާ ގޮތުގައި ކްރޫޒްލައިނާ ރާއްޖެއަށް ބަނދަރު ކުރާ ދުވަހަށް އަވަށްޓެރި ސްރީލަންކާ އިން ބިދޭސީ ގައިޑުން ރާއްޖެ އާދެ އެވެ. ނުވަތަ ރާއްޖޭގައި އުޅޭ ކޮންމެ ވެސް ބިދޭސީ އެއް މެދުވެރިކޮށް ޓޫރިސްޓުންގެ ކަންކަން ބަލަހައްޓަން ހަވާލުވަނީ އެވެ. އެ މީހުން ޓޫރިސްޓުން ގޮވައިގެން ކައިރި ރަށްރަށަށް ދިއުމާއި މާލެ ތެރެ ދައްކާލުމުގައި ވެސް އެމީހުން އުޅެ އެވެ. އެ މީހުން އަންނަނީ ޓުއަރިސްޓް ވިޒާގަ އެވެ. އައިސް ކްރޫޒްލައިނާ ފުރުމުން ފުރައިގެން ދަނީ އެވެ.

ރާއްޖޭގެ ޓުއާ ގައިޑް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޝިހާމް ވިދާޅުވީ ބިދޭސީންގެ އުނދަގޫ ވަރަށް ބޮޑު ކަމަށެވެ.

"މިތަނު [ރާއްޖޭ] ގައި ގަވާއިދު ފަންފީޒު ކުރަނީއެއް ނޫން. ޓޫރިޒަމް މިނިސްޓްރީން [ޓުއާ ގައިޑުންނާއި ބެހޭ ގަވާއިދު] ގެޒެޓް ކޮށްފައި އެ ތަންފީޒެއް ނުކުރޭ. މިކަމުގެ އުނދަގޫ ވަރަށް ބޮޑު. މިކަން ހުއްޓުވަން ޖެހޭ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން ދިވެހިންނަށް އޮތް ފުރުސަތު ހަނިވަމުންދާ ކަމަށެވެ.

"ކްރޫޒްލައިނާ އަންނަ ދުވަހު އެމީހުން [ލަންކާ ގައިޑުން] އެ ތިބެނީ ރާއްޖެ އައިސް. އެ މީހުން ޓޫރިސްޓުން ގޮވައިގެން އެކްސްކާޝަނަށް ހަދަން މިދަނީ،" ޝިޔާމް ވިދާޅުވި އެވެ.

ރާއްޖޭގެ ޓުއާ ގައިޑުންނާ ބެހޭ ގޮތުން ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ޓުއާ ގައިޑުންކަން ކުރެވޭނީ ހަމައެކަނި ދިވެހިންނަށެވެ. އަދި ސަރުކާރުން އެކްރެޑިޓް ކޮށްފައިވާ ކޯހަކުން ފާސްވެ، ލައިސަންސް ވެސް އެ މީހެއްގެ އަތުގައި އޮންނަން ޖެހެ އެވެ. ނަމަވެސް މި ގަވާއިދު ތަންފީޒް ކުރުމުގައި ކަމާބެހޭ އިދާރާތައް ވަނީ ނުކުޅެދިފަ އެވެ. ނުވަތަ ފަހަތު ފަޔަށް ބުރެވެވެނީ އެވެ.

މާލޭގެ މަގުތަކުގައި ޓޫރިސްޓު ޕޮލިސް އުޅުނު ނަމަވެސް، ޓޫރިޒަމް މިނިސްޓްރީ ތެރެއިން ކުރަން ޖެހޭ ކަންކަން ފުރިހަމަ ނުވުމުގެ ސަބަބުން، 2012 ވަނަ އަހަރުން ފެށިގެން އެކުލަވާލާފައިވާ ޓޫރިސްޓު ގައިޑުންނާ ބެހޭ ގަވާއިދު ތަންފީޒު ކުރުމުގައި ފުލުހުންނަށް ވެސް ކުރެވޭނެ މާބޮޑު ކަމެއް ނޯވެ އެވެ. މި ގަވާއިދު ތަންފީޒު ނުކުރުމުގެ ނަތީޖާއަކަށް ވަނީ ރާއްޖޭގެ އޮފީސްތަކުގައި މަސައްކަތްކުރާ ބިދޭސީން ވެސް ޓޫރިސްޓުން ގޮވައިގެން ގައިޑުކަން ކުރަން ފެށުމެވެ. އަދި ފާސްނެތި އެތަށް ބަޔަކު ޓޫރިސްޓުން ގޮވައިގެން އުޅެން ފެށުމުން ތަފާތު މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.

ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގައި އިސްކޮށް ހަރަކާތެރިވާ ކުންފުންޏެއްގެ އިސްވެރިއަކު "އަވަސް" އަށް ވިދާޅުވީ އެންމެ ފަހުން ކްރޫޒްލައިނާ އައި ދުވަހު ވެސް ބިދޭސީންގެ މައްސަލައެއް އިމިގްރޭޝަނަށް އޭނާ ހުށަހެޅި ކަމަށެވެ.

"އިމިގްރޭޝަނުން ބުނީ އެ މީހުން ފަހާލި ކަމަށް. އެކަމަކު އެއީއެއް ނޫން ކަން ކުރަން ޖެހޭނެ ގޮތަކީ. އެ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ،" ނަން ނުޖެހުމަށް އެދި އޭނާ ވިދާޅުވި އެވެ.

ނަމަވެސް "ޓުއާ ގައިޑުންނާ ބެހޭ ގަވާއިދު" ގައި ބުނެފައިވާ ގޮތުން ހުއްދަނެތި ޓޫރިސްޓުން ގޮވައިގެން އުޅޭނަމަ ޖޫރިމަނާ ކުރެވިދާނެ އެވެ. އެގޮތުން ފުރަތަމަ ފަހަރު 2،000ރ. އިން އަދި ދެވަނަ ފަހަރު 5،000ރ. އިން އަދި ތިންވަނަ ފަހަރަށް އެކަން ތަކުރާފުކޮށްފިނަމަ، 1،0000ރ. އިން ވެސް ޖޫރިމަނާ ކުރެވިދާނެ އެވެ. މީގެ އިތުރުން 100،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ލިބެ އެވެ. ނަމަވެސް ގަވާއިދުގައި މި މިގޮތަށް ބާރު އޮތް ނަމަވެސް، ފިޔަވަޅު އެޅޭ ތަނެއް ނުފެނެ އެވެ.

ޓުއާ ގައިޑުން ބުނާ ގޮތުގައި މި ގަވާއިދު ތަމްފީޒު ނުކުރުމުގެ ސަބަބުން ބިދޭސީން ޓޫރިސްޓުން ގޮވައިގެން އުޅުން އިތުރުވެ، ރާއްޖޭގެ ނަން ހަޑިވަމުންދާ ކަމަށެވެ.

"ދިވެހިނެއް އެ މީހުން ކައިރީ ނުބުނާނެ މިވެނި ވަރަކަށް ލާރި ދޭށެކޭ. ނަމަވެސް ޓޫރިސްޓުން ގޮވައިގެން ދާން އަންނަ ބިދޭސީން އެބަ ބުނޭ ޓޫރިސްޓުން ކައިރީގައި ސީދާ މިވެނި ވަރަކަށް ފައިސާ ދޭށޭ. އެކަމުގެ ޝަކުވާ ވަރަށް ބޮޑަށް ލިބޭ. މިއީ ރާއްޖޭގައި ކަން ހިނގާ ގޮތެއް ނޫން. މި ސަރައްދުގައި ކަންތައް ކުރާ ގޮތް މިއީ،"ޓުއާ ގައިޑެއް ބުންޏެވެ.

ކުރިން ވާހަކަ ދެއްކެވި ޓުއާ ގައިޑް އެސޯސިއޭޝަންގެ ރައީސް ޝިޔާމް ވިދާޅުވީ ބިދޭސީ ގައިޑުންގެ ސަބަބުން ގައުމަށް ލިބެން ޖެހޭ ގިނަ ފައިސާ ތަކެއް ގެއްލިގެންދާ ކަމަށެވެ.

"ވަރަށް ބޮޑު ގެއްލުމެއް މިއީ. ކްރޫޒްލައިނާ އަންނައިރު ސްރީލަންކާ މީހުން އެ މީހުން ގޮވައިގެން އުޅޭ. އެކަމެއް ނުހުއްޓުވޭ. މީގެ ޒިންމާ ނަގަން ޖެހޭނީ ޓޫރިޒަމް މިނިސްޓްރީން. ކްރޫޒްލައިނާ ދިއުމުން ލާރިކޮޅު ހިފައިގެން އެ މީހުން ފުރައިގެން ދަނީ،" ޝިޔާމް ވިދާޅުވި އެވެ.

ރާއްޖެއަށް ޓޫރިސްޓުން އެތެރެކުރާ ފަރާތެއް ބުނީ ސްރީލަންކާ ފަދަ ގައުމުތަކުގައި އެހެން ގައުމެއްގެ ބަޔަކު ގޮތް އެފަދަ ކަމެއް ކުރަން ލާހިކެއް ނޫން ކަމަށެވެ.

"އެ މީހުންގެ ގައުމުގައި ލާހިކު ކުޅަދާނަ ކަމެއް ނޫން އެއީ. ފައިން އަރުވާލާނެ. އެ މީހުން ގާނޫނުތައް ތަންފީޒު ކުރޭ. މިތަނުގެ މައްސަލައަކީ އެކަން [ގާނޫނު ތަންފީޒު ކުރުން] ނުވުން،" އޭނާ ނަން ނުޖެހުމަށް އެދި ބުންޏެވެ.

ޓުއާ ގައިޑުންގެ ވަޒީފާއަކީ ސީދާ ދިވެހިންނަށް އާމްދަނީ ލިބޭ ވަޒީފާ އެކެވެ. އަދި މިކަމުގައި ގިނަ އަދަދެއްގެ ޒުވާނުން ވެސް ހަރަކާތެރިވެ އެވެ. އެހެންކަމުން "ޓުއާ ގައިޑުން" ގެ ގަވާއިދު ތަންފީޒު ކުރަން ޖެހެ އެވެ. ހުއްދަނެތި، ގަވާއިދާ ހިފާލަށް ޓޫރިސްޓުން ގޮވައިގެން އުޅޭ މީހުންގެ ހުއްޓުވައި ފިޔަވަޅު އަޅަން ޖެހެ އެވެ. ބިދޭސީންގެ އަމަލުތައް ހުއްޓުވަން ފިޔަވަޅު އަޅަން ޖެހެ އެވެ.