ތިމާވެށި

ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން އޮމާން ވިސްނަނީ

ޕްލާސްޓިކް ކޮތަޅުން ހާއްސަ ޓެކްހެއް ނެގުމަށް އޮމާން އިން ވިސްނަން ފަށައިފި އެވެ. އެ ގައުމުން ދަނީ އެކަމުގައި ރައްޔިތުންގެ ހިޔާލު ހޯދަމުންނެވެ.

އޮމާން އިން ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ވިސްނަން ފަށާފައިވަނީ ގައުމުގެ ތިއްމާވެށި ރައްކާތެރިކޮށް އިގުތިޞާދު ރަނގަޅު ކުރުމަށެވެ. އެންމެ ފުރަތަމަ ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ފެށީ އަޔަލަންޑް އިންނެވެ. އެއަށްފަހު އެ ގައުމުގެ ފިޔަވަޅު މަތިން ނެދަލެންޑްސް އަދި ސްކޮޓްލެންޑްއިން ވަނީ ހިނގާފައެވެ. އަޔަލަންޑް އިން ޕްލާސްޓިކް ބޭގް ޓެކްސް ތައާރަފްކުރީ 2002 ވަނަ އަހަރު އެވެ.

އެ ގައުމުތަކުން ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ފެށުމާއެކު ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން އެ ގައުމުގައި މަދުވެގެން ދިޔަ އެވެ.

"އަހަރެން އެކަމަށް ތާއިދުކުރާނަން، ޕްލާސްޓިކް ބޭނުން ކުރުމަކީ ނުރައްކާ ކަމެއް، އެހެންވެ އަހަރެން ޕްލާސްޓިކް ބޭގުން ޓެކްސް ނެގުމަށް ސަޕޯޓްކުރަނީ، އެކަމަކީ ކޮންމެ ގައުމަކަށް ވެސް ރަނގަޅުވާނެ ފައިދާވާނެ ކަމެއް،" އޮމާންގެ ސްޕަމާކެޓެއްގެ އޮފިޝަލަކު ބުނެފައިވެ އެވެ.

ސަރުކާރުން އެފަދަ ޓެކުހެއް ތައާރަފްކޮށްފިނަމަ އެ ގަވާއިދަށް ކަމޭހިތާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އޮމާން އިން ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ފަށައިފިނަމަ އެ ގައުމު ވެގެންދާނީ، އެ ޓެކްސް ނަގާ ހަތަރު ވަނަ ގައުމަށެވެ.