ބޮލީވުޑް

ބަތަލާ ރިޔާ ކުމާރީގެ ގަޔަށް ބަޑިޖަހާ މަރާލައިފި

އިންޑިއާގެ ޖަރްކަންޑްގެ ބަތަލާއެއް ކަމަށްވާ ރިޔާ ކުމާރީގެ ގަޔަށް ބަޑި ޖަހާ މަރާލައިފި އެވެ.

ރިޔާ ގަޔަށް ބަޑީޖެހީ ވެސްޓް ބެންގާލްގެ ހައިވޭއެއްގައި ކާރުގައި ދަނިކޮށް އެ ކާރު ވަގަށް ނަގަން މަސައްކަތް ކުރި ބަޔަކު ކަމަށް އޭނާގެ ފިރިމީހާ ފުލުހުންނަށް ބަޔާން ދީފައިވެ އެވެ.

އުމުރުން 30 އަހަރުގެ ރިޔާ އޭނާގެ ފިރިމީހާ ޕްރަކާޝް ކުމާރާއި ދެ އަހަރުގެ އަންހެން ދަރިފުޅާއެކު އެ ވަގުތު ކާރުގައި ދަތުރުކުރަމުން ދިޔައީ ރާންޗީ ކިޔާ ރަށަކުން ކަލްކަތާ އަށް ދިއުމަށެވެ.

ރިޔާގެ ފިރިމީހާ ބުނީ އެމީހުން ދުއްވި ކާރު ހެނދުނު 6.00 ހާއިރު ހުއްޓައި އޭގެން ފޭބީ ކުޑަ ކަމުދާން ވެގެން ކަމަށް ރިޔާގެ ފިރިމީހާ ބުނެފައި ވެއެވެ. އޭރު ކާރު އޮތީ ބަގްނާން ޕޮލިސް ސްޓޭޝަނާ ވަރަށް ކައިރީގައި އޮންނަ މޮހިޝްރޭކާ ކިޔާ ސަރަހައްދެއް ކައިރީ ކަމަށްވެސް ޕްރަކާޝް ބުންޏެވެ..

އެވަގުތު ހަތިޔާރު ހިފައިގެން ތިބި ތިން މީހުން އައިސް ޕްރަކާޝް ވަށާލައި އޭނާއަށް ހަތިޔާރުން ބިރުދައްކައި އޭނާގެ އަތުގައި ހުރި އެއްޗެތި ފޭރިގަތީ ކަމަށާއި ރިޔާ އަށް މި މަންޒަރު ފެނިގެން ފިރިމީހާގެ ދިފާއުގައި އެތަނަށް ދުވެފައި އައުމުން އެމީހުން ރިޔާގެ ގަޔަށް ބަޑި ޖެހުމަށްފަހު އެތަނުން ފިލައިގެން ދިޔައީ ކަމަށް ސް ޕްރަކާޝް ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވެ އެވެ.

ރިޔާގެ ފިރިމީހާ ފުލުހުން ކައިރީގައި ބުނި ގޮތުގައި އެ ތިން މީހުން ވާހަކަ ދެއްކީ ބެންގޯލީ ބަހުންނެވެ. އެހެންވެ އެމީހުން ކީ އެއްޗެއް އޭނާއަކަށް ނޭނގެ އެވެ. މިއީ ރިޔާ އާއި އޭނާގެ ދުޝްމަނުންގެ ބަޔަކު ރާވައިގެން ކުރި ކަމެއް ނޫނޭ ބުނަން ނުކެރޭނެ ކަމަށް ނޫސްވެރިން ކައިރީ ޕްރަކާޝް ބުންޏެވެ.

ރިޔާގެ ގަޔަށް ބަޑީގެ ވަޒަން އެރުމުން އޭނާ ކާރަށް ލައިގެން ތިން ކިލޯމީޓަރަށް ޕްރަކާޝް ދުއްވިފަހުން ބަޔަކާ ދިމާވެގެން އެމީހުންގެ އެހީތެރިކަމަށް އެދި އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަކަށް ރިޔާ ގެންދިޔަ ކަމަށް ވެސް ރިޔާގެ ފިރިމީހާ ބުނެފައި ވެއެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ރިޔާ އޮތީ މަރުވެފަ އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލަ ހިނގާ ދިޔަ ގޮތް ތަހުގީގުކުރަން ފަށާފައިވާއިރު ރިޔާގެ ފިރިމީހާއާ ވެސް ދަނީ ސުވާލު ކުރަމުންނެވެ. އެމީހުންގެ ދަރިފުޅަކީ އަދި ދެ އަހަރުގެ ކުޑަ ކުއްޖަކަށް ވެފައި ދަރިފުޅުގެ ނަފްސާނީ ހާލަތު އަދި ވަޒަންކުރަން ނޭނގޭތީ ދަރިފުޅާ ސުވާލުކުރާނީ ފަހުން ކަމަށެވެ. އަދި ޕްރަކާޝް އެހީއަށް އެދުމުން އެހީތެރިވީ މީހުންނާ ވެސް ސުވާލުކުރާނެކަމަށް ފުލުހުން ބުނެފައި ވެއެވެ. ސަބަބަކީ ޕްރަކާޝްގެ ވާހަކަތަކާ މެދު ފުލުހުންނަށް ޝައްކު ވާތީ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ރިޔާގެ މަރުގެ މައްސަލައިގައި އިއްޔެގެ ވަގުތެއްގައި ފުލުހުން ވަނީ ޕްރަކާޝް ހައްޔަރުކޮށްފަ އެވެ.

ރިޔާ އަކީ ޖާރްކަންޑް މީހުން ވާހަކަ ދައްކާ އެކި ބަސް ބަހުން ތައްޔާރުކުރާ ފިލްމުތަކާއި މިއުޒިކް އަލްބަމްތަކުގެ ލަވަތައް ކުޅެފައިވާ ބަތަލާ އެކެވެ. އޭނާގެ ފިރިމީހާ އަކީ ފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާ މީހެކެވެ.