ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ފިކުރުގެ 70،000 ވޯޓު ގެއްލިފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ ވަނީ އެމަނިކުފާނަށް ތާއީދުކުރާ މެމްބަރުން އެމްޑީޕީގެ ދަފްތަރުން ރައީސް ސޯލިހް ވަކިކުރައްވާފައިވާ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެކަމަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވި އެވެ.
"ރައީސް ސޯލިހްގެ ޓީމުން (އެމްޑީޕީގެ ދަފްތަރުން) 39،000 މެމްބަރުން ކަނޑާލައިފިއޭ، އެ 39،000 މެމްބަރުންނަށް ތާއީދުކުރާ މީހުންނާއެކުގައި 70،000 ވޯޓު އެބަވެޔޭ. އެ މީހުންނެއް ނުގެނެވޭނެ ރައީސް ސޯލިހަކަށް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީ އުފެއްދުމުގައި އުޅުނު މީހުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރީފޯމް މޫވްމަންޓަށް ވަނީ ވައްދާފަ އެވެ.
"ޑޭޒީމާގޭ އަހްމަދު އައްބާސް، ހާމިދު އަބްދުލްޣަފޫރް، އަޅުގަނޑުމެންގެ ޑރ. ނާޝިދު، ޔާގޫތުގޭ ލައިލާ،" އެމްޑީޕީން ވަކިކޮށްފައިވާ މީހުންގެ ލިސްޓް ހިއްސާކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕްރައިމަރީގައި ކުރިމަތިލެއްވުމަށް ނިންމެވީ އެ 70،000 ވޯޓާ ނުލައި ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެތީ އެވެ. އަދި އެމްޑީޕީގެ މެމްބަރުން ރައީސް ސޯލިހާ އެކު ނުތިއްބަވާނެ ކަމުގައި ވިދާޅުވި އެވެ.
ނަޝީދު ވަނީ 2018 ވަނަ އަހަރުގެ ހާލަތާއި މިހާރުގެ ހާލަތާ ތަފާތުކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން މިހާރު ހާލަތު އޮތީ އެމަނިކުފާނުގެ އިތުރުން އިއްތިހާދުގެ ލީޑަރުންގެ ތެރެއިން ގާސިމް އިބްރާހީމާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން އިމްރާން އަބްދުﷲ އަށްވެސް ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވޭ ގޮތަށް ކަމުގައި ވިދާޅުވި އެވެ. އެހެންވެ ރިޔާސީ އިންތިހާބުގައި ލީޑަރުން ވާދަކުރައްވާނެ ކަމަށާއި ރިޔާސީ އިންތިހާބުގައި އިއްތިހާދު ވާނީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ނަޝީދު ވަނީ ޕްރައިމަރީ އިން އެމަނިކުފާނު ބަލިވާތަން ނުފެންނަ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ނަޝީދު ކެމްޕޭން ޝިއާރަކީ ވެސް "ފިކުރެއްގެ ދިރުން" އެވެ. ރައީސް ނަޝީދާއި އެމަނިކުފާނުގެ ޓީމުން ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީގެ އަސްލު ފިކުރު ވަނީ ރައީސް ސޯލިހާ އެކު މަރުވާން ފަށާފަ އެވެ.