ރައީސް މުހައްމަދު ނަޝީދު

ޕްރައިމަރީން ބަލިވާ ހާލަތެއް ނުފެނޭ: ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވާ ހާލަތު ފެނިވަޑައިނުގަންނަވާ ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އެމަނިކުފާނު ބަލިވެއްޖެނަމަ ކަންތައް ކުރައްވާނީ ކިހިނެތްތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ނަޝީދު ވިދާޅުވީ ޕްރައިމަރީން އެމަނިކުފާނު ބަލިވާނެ ހާލަތެއް ނެތް ކަމަށެވެ.

އިންތިހާބުން ބަލިވުން އެއީ ދަންނަ ކަމެއް ނޫން ކަމަށާއި ޕްރައިމަރީން ބަލިވާނެ ހާލަތެއް ނާންނާނެ ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑު ވިދާޅުވެ ރައީސް ނަޝީދު މިރޭ ވިދާޅުވީ އާއްމު އިންތިހާބެއްވެސް ރައީސް ސޯލިހަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހްއާ ވާދަކުރައްވާ ކުޑަކުޑަ ފަރަގަކުން ބަލިވާ ހާލަތުގައި ކަންތައް ކުރައްވާނީ ކިހިނެތްތޯ ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ ކުޑަކުޑަ ފަރަގަކުންވެސް ބަލިވެދާނެ ކަމަށް އަންދާޒާ ނުކުރައްވާ ކަމަށާއި އެކަމަށް ތައްޔާރުވެސް ވެވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު އަންދާޒާކޮށްފައި އޮތް ކަމެއްވެސް ނޫން، އިންތިޒާރުކުރާ ކަމެއްވެސް ނޫން، ދެކޭ މަންޒަރެއްވެސް ނޫން އަދި ދުވަހަކުވެސް ވެފައި އޮތް ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އިންތިހާބުން ބަލިވުން އެއީ އެމަނިކުފާނު ދަންނަ ކަމެއް ނޫން ކަމަށާއި ބަލިވާނަމަ އެކަމާ ނޫޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ނަޝީދު ވަނީ ޑިސެމްބަރު މަހު އުތުރުގެ ތިން އަތޮޅުގެ ނުވަ ރަށަކަށް ޒިޔާރަތްކުރައްވާފަ އެވެ. ނަޝީދު ކެމްޕޭން ޝިއާރަކީ "ފިކުރެއްގެ ދިރުން" އެވެ.