ލައިފްސްޓައިލް

މިފަހަރު ސަމާލުކަން ހޯދީ އަމާލްއެއް ނޫން، ލައިލާ!

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އަބްދުﷲ އިނގިރޭސިވިލާތުގެ މީޑިއާތަކުގެ ސަމާލުކަން ހޯދައިފި އެވެ. މަޝްހޫރު "ދަ ޓެލެގްރާފް" އިން ވަނީ ލައިލާގެ ހެދުން އެޅުމަށް ތައުރީފްކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ މީޑިއާ އެ ގައުމުގެ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު، ޑައުނިން ސްޓްރީޓް ނަމްބަރު 10 ކުރި މައްޗަށް ޖަމާވީ، އެތަނަށް އަމާލް ކުލޫނީ ވަޑައިގަންނަވާތީ ކަމަށްވުމަކީ އެކަށީގެންވާ ކަމެވެ. އަމާލްއަކީ މީޑިއާގެ ސަމާލުކަން އިންތިހާއަށް ލިބޭ ބޭފުޅެކެވެ. އަދި އެ ބޭފުޅެއްގެ ހެދުން އެޅުމަށް ވެސް ގިނަ ބަޔަކު ލޯބިކުރާ ބޭފުޅެކެވެ.

މިފަހަރު ޑޭވިޑް ކެމެރަންގެ ގެކޮޅަށް އަމާލް ވަޑައިގަތީ، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވެސް އެކުގައެވެ. މިކަމަށް ވެސް މީޑިއާގެ ސަމާލުކަން ހޯދި އެވެ. ނަމަވެސް އެންމެ ގިނައިން މީޑިއާތަކުގައި ފާހަގަކޮށް، ތަފާތު ކަމެއްގެ ގޮތުގައި ފާހަގަވެގެން ދިޔައީ، ލައިލާއަށް އޮހުނު ތައުރީފުތަކެވެ. "ދަ ޓެލެގްރާފް" ގައި ލައިލާއަށް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

އަމާލް ކުލޫނީ ފަދަ ބޭފުޅެއް ކައިރީގައި ލައިލާގެ ހެދުން އެޅުން މީޑިއާގައި ފާހަގަކުރެވިގެން ދިއުމަކީ ކުޑަ ކަމެއް ނޫނެވެ. ލައިލާއަށް މީޑިއާތަކުން ސަމާލުކަން އެންމެ ބޮޑަށް ލިބުނީ، އެކަމަނާ އަރުއްވައިގެން ހުންނެވި، ބޫޓުގެ ސަބަބުންނެވެ. "ދަ ޓެލެގްރާފް" ގައި ވަނީ އެ ބޫޓަށް ތައުރީފުކޮށް ފައިވާންގެ ތަފާތު ވާހަކަ ދައްކާފަ އެވެ. ލައިލާ އަރުއްވައިގެން ހުންނެވީ ކަޅާއި ރަން ކުލަ ހުރި ބޫޓަކަށެވެ.

ބޫޓުގެ އިތުރުން ލައިލާގެ ސޫޓަށް ވެސް ވަނީ ތައުރީފް ލިބިފައެވެ. އޭގެއިތުރުން ލައިލާ ހިއްޕަވައިގެން ހުންނެވި. މަޑު ނޫކުލައިގެ ދަބަސް ވެސް ވަނީ އިނގިރޭސިވިލާތުގެ މީޑިއާއަށް ކަމުގޮސްފަ އެވެ.

އެހެން ގޮތަކަށް ބުނާނަމަ މެޑަމް ލައިލާ ވަނީ އަމާލްގެ ކުރިމަތީ ކުރި ހޯދާފަ އެވެ. އަމާލްއަށް ލިބޭ ސަމާލުކަން އަތުލައިގަތުމުގައި ކާމިޔާބު ހޯދާފައެވެ. ދިވެއްސެއްގެ ހެދުން އެޅުމަށް ބޭރުގެ މީޑިއާއަކުން މިހާ ބޮޑަށް ތައުރީފުކުރި މިއީ ފުރަތަމަ ފަހަރު ކަމަށް ވެސް ވެދާނެ އެވެ. އެ ޝަރަފު ހޯދާފައިމިވަނީ ރާއްޖޭގައި ތިން އަހަރު ދުވަހު ވެރިކަން ކުރެއްވި ރައީސް ނަޝީދުގެ އަނބިކަނބަލުން މެޑަމް ލައިލާ އަލީ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިނގިރޭސިވިލާތުގެ ބޭފުޅުންނާ އަދި މީޑިއާތަކާ ރައީސް ނަޝީދު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު އެ ބައްދަލުވުންތަކުގައި ލައިލާ ފެނިގެންދާނެ ގޮތާއިމެދު މިހާރު މިވަނީ އިންތިޒާރު ކުރެވެން ފަށާފަ އެވެ. ހަމަ ގައިމުވެސް އެއީ މީޑިއާތަކުން އިންތިޒާރު ކުރާނެ ކަމެކެވެ.