ޓޫރިޒަމް

ފަތުރުވެރިކަމުގެ އެއްވަނަ މާކެޓަށް އިޓަލީ

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައަށް އިޓަލީ އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާންމު ކުރެއްވި ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ ދެވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 11،112 ފަތުރުވެރިން ޒިޔާރަތްކުރިއިރު އޭގެ ތެރެއިން 21.1 ޕަސެންޓް -- 2،343 ފަތުރުވެރިންނަކީ އިޓަލީ ފަތުރުވެރިންނެވެ.

ރަޝިއާއިން 1،784 ފަތުރުވެރިން ޒިޔާރަތްކުރިއިރު މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން މި މުއްދަތުގައި ރާއްޖެ އައީ 753 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ފަތުރުވެރިކަން ވަނީ މިދިޔަ ދެ އަހަރަށްވުރެ މި އަހަރުގެ މި މުއްދަތުގައި ރަނގަޅުވެފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ ދެވަނަ ދުވަހުގެ ނިޔަލަށް 10،250 ފަތުރުވެރިން ރާއްޖެ އައިއިރު 2021 ވަނަ އަހަރުގެ އެ މުއްދަތުގައި އައީ 6،165 ފަތުރުވެރިންނެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިވަގުތު 168 ރިސޯޓާއި 869 ގެސްޓް ހައުސްގެ އިތުރުން 158 ސަފާރީ އުޅަނދާއި 13 ހޮޓެލް ދަނީ ހިންގަމުންނެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 59،657 އެނދު ބޭނުންކުރެ އެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް 2020 ވަނަ އަހަރު ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރިއެވެ. އޭގެ ފަހުން 2021 އަދި 2022 ވަނަ އަހަރު ފަތުރުވެރިކަން ދިޔައީ ރަނގަޅުވަމުންނެވެ. ފަތުރުވެރިކަން މިއަހަރު އިތުރަށް ކުރިއަރާނެ ކަމަށް އަންދާޒާކޮށްފައިވާއިރު މިއަހަރު ދެ މިލިއަން ފަތުރުވެރިންގެ ރާއްޖެއަށް ގެނައުމުގެ އަމާޒެއް ވަނީ ކަނޑައަޅާފަ އެވެ.