ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ކެމްޕޭންގެ ތަރުޖަމާނަކަށް މާރިޔާ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭންގެ ތަރުޖަމާނަކަށް މާރިޔާ އަހްމަދު ދީދީ ހަމަޖައްސަވައިފި އެވެ.

ރައީސް ސޯލިހްގެ ކެމްޕޭން ތަރުޖަމާނަށް މާރިޔާ ހަމަޖެއްސެވިއިރު 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް ވާދަކުރެއްވިއިރު އެމަނިކުފާނުގެ ތަރުޖަމާނަކީވެސް މާރިޔާ އެވެ.

މާރިޔާއަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރެވެ. އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމު ފުރުއްވި މާރިޔާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން 20 އަހަރު ކުރައްވާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ސޯލިހްގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ކެމްޕޭން ޖަލްސާ މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.