ރައީސް މުހައްމަދު ނަޝީދު

ނަޝީދު، ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރައްވަނީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފި އެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގެ ކާނިވާގައި ހުންނަ ޓޭސްޓްމީ ކެފޭގަ އެވެ. މި ބައްދަލުކުރެއްވުން އޮންނާނީ މިރޭ 8:30 އިން 9:30 އަށެވެ.

މި ސަރުކާރުން ޓެކްސީ އަގުތައް ކޮންޓްރޯލްކޮށް ޓެކްސީ ކުރެވޭނެ އަގުތަކެއް ކަނޑައެޅުމުން ޓެކްސީ ޑްރައިވަރުން ވަނީ ނުރުހުންފާޅުކޮށް އިހުތިޖާޖުކޮށްފަ އެވެ.

ޓެކްސީ ޑްރައިވަރުން ބުނަމުން ގެންދިޔައީ ތެލުގެ އަގު ބޮޑުވެފައިވާތީ ލިބޭ އާމްދަނީ ދަށަށް ދިއުމާ ގުޅިގެން އަގަށް ޓެކްސީ ހިދުމަތުގެ އަގަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

މާލެ އާއި އެއާޕޯޓް އަދި ހުޅުމާލެއަށް ޓެކްސީ ދަތުރުތައް ކުރެވޭނެ އަގުތައް ސަރުކާރުން ކަނޑައެޅި ނަމަވެސް އެއަށްވުރެ ބޮޑުއަގު ޑްރައިވަރުން ނަގާ ކަމަށް ބުނެ އާންމުން ދިޔައީ ޝަކުވާ ވެސް ކުރަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ. ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހް އާއި ރައީސް ނަޝީދު ގެންދަވަނީ ކެމްޕެއިން ހަރަކާތްތައް ހިންގަވަމުންނެވެ.

ކެމްޕެއިންގައި ރައީސް ނަޝީދު މިއަދު ގެންދަވަނީ ގަލޮޅު އުތުރުގައި ދޮރުންދޮރަށް ހިންގަވަމުންނެވެ.