އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

ރައީސް ނަޝީދު ތޮއްޑޫއަށް ވަޑައިގެންފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކެމްޕޭނުގައި އއ. ތޮއްޑޫއަށް މިއަދު ވަޑައިގެންފި އެވެ.

ރައީސް ނަޝީދު މިއަދު ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރު ފ. އަތޮޅާއި ދ. އަތޮޅަށް ވަޑައިގަންނަވާނެ އެވެ. ކެމްޕޭން ދަތުރުފުޅަށްފަހު އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ނަޝީދު ދަނީ ހުއްޓުމެއް ނެތި ކެމްޕޭން ކުރައްވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

ކެމްޕޭންގައި ރައީސް ނަޝީދު ދަތުރު ކުރެއްވުމަށް ހަމަޖެހިފައިވާ އަތޮޅުތައް

  • ނ، ރ، އަދި ބ. އަތޮޅު - ޖެނުއަރީ ނުވައަކުން 11އަށް
  • ލ، ތ، މ، އަދި ވ. އަތޮޅު - ޖެނުއަރީ 13 - 15އަށް
  • ޅ. އަތޮޅާއި މާލެ އަތޮޅު - ޖެނުއަރީ 17ގައި
  • ގއ. އަދި ގދ. އަތޮޅު - ޖެނުއަރީ 19 - 21އަށް
  • އައްޑޫ ސިޓީ - ޖެނުއަރީ 23 - 24އަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ. ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ގެންދަވަނީ ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ.

އެމްޑީޕީން އާންމުކުރި ދާއިމީ ލިސްޓުގައިވާ ގޮތުން 57،255 މީހުންނަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭނެ އެވެ.