ޓޫރިޒަމް

21 ގައުމަކުން ސީދާ ދަތުރުތައް ރާއްޖެއަށް

ރާއްޖެއަށް މިހާރު 21 ގައުމަކުން ސީދާ ދަތުރުތައް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ހަތަރު ވަނަ ދުވަހާއި ހަމައަށް އޭޝިއާ އަދި ޔޫރަޕްގެ ގައުމުތައް ހިމެނޭ ގޮތަށް ޖުމްލަ 21 ގައުމަކުން ދަނީ ރާއްޖެއަށް ސީދާ ދަތުރުތައް ކުރަމުންނެވެ. މީގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތައްވެސް ހިމެނެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 22،297 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ ހަތް ޕަސެންޓް އިތުރުވުމެކެވެ. މިހާރު ރާއްޖެއަށް 33 އެއާލައިނަކުން ދަނީ ދަތުރުތައް ކުރަމުންނެވެ.

މި މުއްދަތުގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. އެގައުމުން 4،402 ފަތުރުވެރިން ޒިޔާރަތްކުރިއިރު ދެވަނައިގައި އޮތް އިޓަލީން 3،854 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާ މިވަގުތު ތިންވަނައިގައި އޮތްއިރު އެގައުމުން 1،605 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

އިނގިރޭސިވިލާތުން 1،261 ފަތުރުވެރިން ޒިޔާރަތްކުރިއިރު ޖަރުމަނުން 1،242 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. މި ފަސް ގައުމަކީވެސް އެ ގައުމުތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރާ ފަސް ގައުމެވެ.

ފަތުރުވެރިކަމަށް މިވަގުތު 168 ރިސޯޓާއި 869 ގެސްޓްހައުސްގެ އިތުރުން 158 ސަފާރީ އާއި 13 ހޮޓެލް ހިންގާއިރު މިތަންތަނުގައި ފަތުރުވެރިކަމަށް 59،657 އެނދު ދަނީ ބޭނުންކުރަމުންނެވެ.