ލައިފްސްޓައިލް

ފާމަސީއެއް ތެރޭ ހުއްޓާ މަރުވެގެން ވެއްޓިއްޖެ

ވަރަށް ޒުވާން މީހުން ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހި މަރުވާ ވާހަކަ މިހާރު ވަރަށް ގިނައިން ޚަބަރުތަކުން ފެނެ އެވެ.

އިންޑިޔާގެ ހަރްޔާނާގެ ފަރީދްއާބާދުގެ މީހަކު ވެސް އިއްޔެ ވަނީ ހަމަ ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހި މަރުވެފަ އެވެ. ފާމަސީއަކަށް އޯއާރްއެސް ގަންނަން ގޮސް ކައުންޓަރު ކައިރީގައި ހުއްޓާ އެ މީހާ މަރުވެގެން ވެއްޓޭ މަންޒަރުގެ ވީޑީއޯ ވެސް އިންޓަނެޓުގައި އިއްޔެ ވައިރަލް ވެފައި ވެއެވެ.

އެ ފާމަސީއަށް ވަދެ ކައުންޓަރު ކައިރީ މަޑުކޮށްލިތާ ހަތަރު މިނިޓެއްހާއިރު ތެރޭގައި ފިރިހެންމީހާ ވެއްޓޭތަން ފާމަސީގައި ހުރި ސީސީޓީވީ ކެމެރާ އަށް އަރާފައި ވެއެވެ.

ބޭސް ގަންނަން ފާމަސީ އަށް ވަދެ ހުރިއިރު ވެސް ފިރިހެންމީހާ އަށް ކޮންމެވެސް އުނދަގޫތަކެއް ވާކަން އޭނާގެ ހަރަކާތްތަކުން އެނގެ އެވެ. މޭގައި އިރުއިރުކޮޅަކާ އަތް އުނގުޅާ ހަދާ ތަން ވެސް ފެނެ އެވެ.

އޭނާ ވެއްޓެން ދަނިކޮށް އޭނާގެ އަތުގައި ހިފޭތޯ ވެސް ފިހާރައިގައި ބޭސް ވިއްކަން ހުރި މީހާ މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާގެ އަތުގައި ނުޖެހި އެމީހާ ތަޅުންގަނޑު މައްޗަށް ވެއްޓި މަރުވީ އެވެ. މި ހާދިސާ ހިނގާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި މީހާއަކީ ސަންޖޭ ނަމަކަށް ކިޔާ އުމުރުން އެންމެ 23 އަހަރުގެ ޒުވާނެކެވެ.

އޭނާ ފާމަސީއަށް ގޮސް ފާމަސިސްޓް ކައިރިން އެދުނީ އޯއާރްއެސް ދިނުމަށް ކަމަށް ޚަބަރުތައް ބުނެ އެވެ.

ފާމަސިސްޓް އޭނާއަށް އޯއާރްއެސް ޕެކެޓް ދިނުމުން އެ ނަގަން އުޅެނިކޮށް އޭނާ ކުއްލިއަކަށް ބިންމައްޗަށް ވެއްޓުނީ އެވެ. އޭނާ ވެއްޓުނީ މަރުވެގެން ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.