ރިޔާސީ އިންތިހާބުގައި ރަނިންމޭޓަކަށްވާނީ އައްޑޫ ބޭފުޅެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި އއ، އދ، ފ، އަދި ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު މިއަދު ވިދާޅުވީ ރަނިންމޭޓަކަށްވާ ބޭފުޅަކީ މުޅި ރާއްޖެ ތަމްސީލު ކުރެވޭ ބޭފުޅެއް ކަމަށެވެ.
"ރަނިންމޭޓަކަށް ވާނީ އައްޑޫ ބޭފުޅެއް، ރަނިންމޭޓަކަށް ވާނީ މުޅި ދިވެހިރާއްޖެ ތަމްސީލު ކުރެވޭ ރަމްޒުވާ ބާވަތުގެ ބޭފުޅެއް،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ 60-70 ޕަސެންޓުން ކާމިޔާބު ކުރައްވާނެ ކަމަށާއި ކާމިޔާބު ރަނިންމޭޓަކާއެކު ކުރިއަށް ދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ ޕްރައިމަރީން އެމަނިކުފާނު ބަލިވާ ހާލަތު ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.