ރައީސް މުހައްމަދު ނަޝީދު

ރައީސްގެ ތަސައްވުރެއް ވެސް ވިޝަންއެއް ވެސް ނެތް: ނަޝީދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ތަސައްވުރެއް ވެސް އަދި ވިޝަންއެއް ވެސް ނެތް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވާތީ ފާޑު ވިދާޅުވި އެވެ.

ސަރުކާރުގެ ދުވެލި މަޑު ކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ކުދި ރަށްރަށް ރައީސް ސޯލިހް މަސައްކަތްތައް މާބޮޑަށް ހާއްސަ ކުރައްވާ ކަމަށެވެ.

މިސާލު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުޅުދުއްފުއްޓަށް އެމަނިކުފާނުގެ ވަރަށް ބޮޑު އުއްމީދެއް އޮންނަ ކަމަށާއި އެ ތަންތަނަށް ބޮޑު އަހަމިއްޔަތު ކަމެއް ދީގެން ބާރަށް މަސައްކަތް ކުރިއަށް ގެންދަން ބޭނުންވ ާ ކަމަށެވެ. އެކަމާމެދު ބޭފުޅުން ހިތްހަމަނުޖެހުނަސް އެކަން އޮތީ އެހެން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ތަސައްވަރެއް ނެތް، ވިޝަންއެއް ނެތް. ކިހިނެތްތޯ މިރާއްޖެއަށް ހައްދަވަން ތިއުޅުއްވަނީ" ނަޝީދު ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެވޭނީ އަމިއްލަ ފަރާތްތަކުން އެކަންކޮށްގެން ކަމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެކަން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ސަރުކާރު ކުންފުނިތައް އިންއެފިޝިއެންޓް ވާނެ ކަމަށާއި ހަރަދު ބޮޑުވާނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު އިންތިހާބުގައި ވާދަ ކުރައްވާ ރައީސް ސޯލިހް އާއި ރައީސް ނަޝީދު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.