އަބްދުﷲ ޒިޔަތު

ހަގު އަނބި ބަލިވެއިނުމުން ގޭބަންދަށް ބަދަލުވާން ޒިޔަތު އެދެފި

މޯލްޑިވްސް މާކެޓިން ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހަގު އަނބި ބަލިވެއިނުމުން ގޭބަންދަށް ބަދަލުކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދެފި އެވެ.

ޒިޔަތުގެ މައްޗަށް ކޮށްފައިވާ ހިޔާނާތުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ޒިޔަތުގެ ވަކީލް ވިދާޅުވީ، ޒިޔަތުގެ ހަގު އަނބި ބަލިވެއިނުމުން ގޭބަންދަށް ބަދަލުވާން ޒިޔަތު ބޭނުންވާ ކަމަށެވެ. އަދި ކަންފަތް ބައްވުމަކީ ޒިޔަތަށް އާންމުކޮށް ދިމާވާ މައްސަލައެއް ކަމަށާއި މިހާރު ވެސް އެ މައްސަލަ ދިމާވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޒިޔަތަށް އެތައް ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށް ޒިޔަތުގެ ވަކީލު ވިދާޅުވި އެވެ.

ޒިޔަތު ގޭބަންދަށް ބަދަލުކޮށްދިނުމަށް ވަކީލު އެދުމުން ވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އަދި އެކަމާ ގުޅިގެން ގޮތެއް ނިންމަވާނެ ކަމަށް ވެސް ވިދާޅުވެފައެއް ނުވެއެވެ.

ޒިޔަތުގެ ވަކީލު ފާހަގަކުރި ކަންތައްތައް:

  • ދައުވާގައި ބަޔާންކޮށްފައިވާ އެއް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވި ކަމަށް އެއްބަސްވި
  • ހިޔާނާތް ނުވާ ކަމަށް ވިދާޅުވި
  • އެބޮނީ ޕްރައިވެޓް ލިމިޑެޓް ނަމަކަށް ކިޔާ ކުންފުންޏަކަށް، 50 އަހަރަށް މާލެ އަތޮޅުގެ ފަޅެއް ކުށްޔަށް ދޫކުރި މައްސަލަ އޭސީސީއިން ބެލިތޯ ސުވާލުކުރި
  • ދައުލަތުން މައްސަލައާ ގުޅޭ ލިޔެކިޔުންތައް ހަވާލުނުކުރާތީ، އުނދަގޫވާ ކަމަށް ވިދާޅުވި
  • ތަހުގީގު ފުރިހަމަ ނުވާ މައްސަލައެއް ކަމަށް ވިދާޅުވި
  • ޒިޔަތު އަމަލުކުރީ އެމްއެމްޕީއާރްސީގެ ބޯޑާއި ޓޫރިޒަމް މިނިސްޓްރީން އެންގެވި ގޮތަށް ކަމަށް ވިދާޅުވި
  • ހެކި ހުށަހެޅުމަށް 15 ދުވަސް ބޭނުންވާ ކަމަށް ވިދާޅުވި
  • މައްސަލަ ޝަރީއަތަށް ހުށަހަޅަން ޖެހޭނީ އޭޖީ ކަމަށް ވިދާޅުވި

ދައުލަތުން ފާހަގަކުރި ކަންތައްތައް:

  • މައްސަލަ އޭޖީއަށް ހުށަނޭޅޭނެ ކަމަށާއި އެފަދަ މައްސަލަތައް ކޯޓުތަކަށް ހުށަހަޅަނީ ޕީޖީ ކަމަށް ވިދާޅުވި
  • ޝަފަވީ ހެކިތަކަކީ ސިއްރު ހެކިތަކެއް ކަމަށް ވިދާޅުވި
  • ހެކި ހުށަހެޅުމަށް ތިން ދުވަސް ބޭނުންވާ ކަމަށް ވިދާޅުވި
  • ހެކި ހުށަހެޅުމަށް 15 ދުވަސް މާގިނަ ކަމަށް ވިދާޅުވި

ޒިޔަތުގެ މައްޗަށް ދައުވާ އުފުލާފައިވާ ދައުވާގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ސެޕްޓެމްބަރު 29، 2015، ގައި އެބޮނީ ޕްރައިވެޓް ލިމިޑެޓް ނަމަކަށް ކިޔާ ކުންފުންޏަކަށް، 50 އަހަރަށް މާލެ އަތޮޅުގެ ފަޅެއް ކުށްޔަށް ދޫކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ.

ޒިޔަތުގެ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ، އަންނަ މަހުގެ 15 ދުވަހު ކަމަށް މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމާލައްވަމުން ފަނޑިޔާރު ވިދާޅުވި އެވެ. އެ އަޑުއެހުމުގައި އޮންނާނީ ހެކި ހުށަހެޅުމެވެ.