ޓޫރިޒަމް

ފަތުރުވެރިކަން 11 ޕަސެންޓް ކުރި އަރައިފި

ރާއްޖެއަށް މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 11 ޕަސެންޓް ކުރި އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް 42،404 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 38،181 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައިގައި އޮތީ ރަޝިއާ އެވެ. ޖުމްލަ ފަތުރުވެރިންގެ 19.9 ޕަސެންޓް -- 8،442 ފަތުރުވެރިންނަކީ ރަޝިއާ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިޓަލީން 5،792 ފަތުރުވެރިން ޒިޔާރަތްކުރިއިރު އެއީ 13.7 ޕަސެންޓް ފަތުރުވެރިންނެވެ.

އިންޑިއާއަކީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. އެގައުމުން މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރީ 3،356 ފަތުރުވެރިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ދެން ހިމެނެނީ އިނގިރޭސިވިލާތް، ޖަރުމަނު، އެމެރިކާ، ފްރާންސް، ކަޒަކިސްތާންގެ އިތުރުން ސްވިޓްޒަލޭންޑް އަދި އޮސްޓްރޭލިއާ އެވެ.

ރާއްޖެއަށް މީގެ ކުރިން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އެއް ގައުމަކީ ޗައިނާ އެވެ. ކޮވިޑް-19 އާ ގުޅިގެން އެގައުމުގެ ބޯޑަރު ބަންްދުކޮށްފައި އޮތުމަށްފަހު ބޯޑަރު އަލުން ހުޅުވާލީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގައި ޗައިނާ އަކީ މުހިއްމު ގައުމެއްކަން ފާހަގަކޮށް ޗައިނާ ފަތުރުވެރިންނަށް މަރުހަބާ ކިޔަން ރާއްޖެ ތައްޔާރަށް އޮތް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.