މޯލްޑިވްސް ޕޮލިސް ސާވިސް

ދޮގު ހެކި ދިނުމުގެ ތުހުމަތުގައި ނަރީޝް ފުލުހަށް

Jan 9, 2023
1

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާއާއި ގުޅިގެން ޝަރީއަތުގެ މަޖިލީހުގައި ދޮގު ހެކި ބަސް ދިން މައްސަލައިގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ފުލުހަށް ހާޒިރުކޮށްފި އެވެ.

މިމައްސަލައިގައި ނަރީޝް ފުލުހުންގެ އިދާރާ އަށް ހާޒިރުކުރީ މިރޭ 8:00 ހާއިރު އެވެ. އޭނާ އަށް ކުރާ ތުހުމަތު ފުލުހުން ވަނީ ސާފުކޮށްދެއްވާފަ އެވެ.

އާރަށުގެ މައްސަލައިގައި ނަރީޝް ދޮގު ހެކި ދިން ކަމަށް ބުނެ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމްގަ އެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ވަނީ ނަރީޝް ދޮގު ހެކި ދޮގު ނުދޭ ކަމަށް ބުނެ ނަރީޝްގެ ދިފާއުގައި ވާހަަކަދައްކާފަ އެވެ.

ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ހެކިބަސް ދީފައިވާ ހެކިންނަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކަނޑައެޅިގެން ދޮގު ހެކި ބަސް ދިން މީހުން ކަމަށެވެ.

އާރަށުގެ މައްސަލައިގައި ގާޒީ ހުކުމް ކުރީ މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ހަތް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ. އަދި ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމަށެެވެ. މި ދެ ހުކުމާ އެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް ޔާމީން ތަންފީޒު ކުރަން ޖެހިވަޑައިގަންނަވާނެ އެެވެ.

ދައުވާގައިވާ ގޮތުން ޔާމީން ވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލުކުރައްވާ އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާކޮށްފަ އެވެ. ދައުލަތުން ކުރީގެ ހުށަހެޅުމެއްގައި ވަނީ އެއް މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއަށް އެއްކޮށްފައިވާ 2،413،230 އެމެރިކާ ޑޮލަރާ އެކު ޖުމްލަ 3،413،230 އެމެރިކާ ޑޮލަރު އިންވެސްޓްކޮށްގެން އަބްދުﷲ ޔާމީން ލިބިފައިވާތީ އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް އަމުރުކޮށްދިނުމަށް އެދިފަ އެވެ.

ރިޝްވަތު ގަބޫލުކޮށްގެން ޔާމީނަށް ލިބިފައިވާ ކަމަށް ހުކުމްގައި ބުނާ އެއް މިލިއަން ޑޮލަރަކީ އެމަނިކުފާނު އެ އަދަދަށް ޑޮލަރު ގަންނަން ބޭނުންވުމުން މިމައްސަލައިގައި ދައުވާ ލިބި ކުށް ސާބިތުވެފައިވާ ޔޫސުފް ނައީމުގެ އަތުން ލިބުނު ޑޮލަރު ކަމަށް ކޯޓުގައި ހެކި ބަސް ދެއްވަމުން ހޯރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެފައިވެ އެވެ. ވަނީ ރައީސް ޔާމީން އެއް މިލިއަން ޑޮލަރު ގަތުމަށް ބޭނުންވުމުން ޑޮލަރު ގަތުމަށް ބޭނުންވާ ދިވެހި ފައިސާ (15 މިލިއަން ރުފިޔާ) ޔާމީން ދިރިއުޅުއްވި ގޭގައި އަތުން ގުނާފައި ގަނޑުކޮށް ގެންގޮސް ޔޫސުފް ނައީމަށް ރައްދު ކުރި ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ޝަރީއަތުގައި ވިދާޅުވެފައިވެ އެވެ.

އާރަށުގެ މައްސަލައިގައި ދޮގު ހެކި ބަސް ދިން ކަމަށް ބެލެވޭ އެހެން ބައެއް މީހުންގެ މައްސަލަތައް ވެސް ފުލުހުން ދަނީ ބަލަމުންނެވެ.