ސަރުކާރުން އެދިގެން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން 3.9 ބިލިއަން ރުފިޔާ ދޫކުރިކަން ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.
އެމްއެމްއޭއިން މިމަހު އާންމުކުރި ތަފާސްހިސާބުތަކުން ހާމަވި ގޮތުގައި ނިމިދިޔަ ޑިސެމްބަރުގެ ނިޔަލަށް ދައުލަތުން އެޑްވާންސްގެ ގޮތުގައި 3.94 ބިލިއަން ރުފިޔާ އިތުރަށް ނެގި އެވެ. އަދި ނޮވެމްބަރު މަހު 2.11 ބިލިއަން ރުފިޔާ ނެގި އެވެ.
ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ހީނަރުކަން ކުރިމަތިވި އެވެ. ދައުލަތް ހިންގުމަށްޓަކައި އޭރު ވަގުތުން ވަގުތަށް ހަތަރު ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާތީ އެ ފައިސާ އޯވާޑްރޯ ކުރެވޭނެ ގޮތެއް ހެދުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި އޭރު އެދުނެވެ. އެކަން ސަރުކާރުން ކުރީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑް ކުރުމަށް އޭޕްރީލް 2020 ގައި މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.
އެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކުރި މުއްދަތު ފަހުން ވަނީ އިތުރުކޮށްފަ އެވެ. ސަރުކާރުން އެދިގެން އިތުރުކުރި އެ މުއްދަތު މިހާރު ހަމަވާނީ މިއަހަރުގެ ނިޔަލަށެެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި ގަރާރެއްވެސް ހުށަހެޅި އެވެ. ނަމަވެސް އެ ގަރާރު ވަނީ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލާފަ އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން އާއްމު ގޮތެއްގައި އެމްއެމްއޭ އިން ސަރުކާރަށް ދަރަނި ނެގޭނެ ލިމިޓަކީ ވޭތުވެދިޔަ ތިން އަހަރުގެ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ދައުލަތުގެ އާމްދަނީ ބޮޑުތަނުން ދަށްވުމުގެ ސަބަބުން، ފައިސޭ ނެގޭ ލިމިޓް 4.2 ބިލިއަން ރުފިޔާ އަށް މަތިކޮށްދީފައި ވަނީ ރައްޔިތުން މަޖިލީހުންނެވެ.