ދައުލަތުގެ ރަސްމީ ރިޒާވް މިދިޔަ އަހަރު ނިމުނުއިރު 827.7 މިލިއަން ޑޮލަރަށް އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު މަހު ރަސްމީ ރިޒާވްގައި ހުރީ 604.2 މިލިއަން ޑޮލަރެވެ. އެކަމަކު ޑިސެމްބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވަށް ވަނީ 223.5 މިލިއަން ޑޮލަރު އިތުރުވެފަ އެވެ. މިއިތުރުވުމާ އެކު ޑިސެމްބަރުގެ ނިޔަލަށް ރަސްމީ ރިޒާވް ވަނީ 827.7 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.
ރަސްމީ ރިޒާވް މިދިޔަ އަހަރު ނިމޭއިރު ހުންނަނީ 657.3 މިލިއަން ޑޮލަރުގައި ކަމަށް ކުރިން އަންދާޒާކޮށްފައިވެ އެވެ. އެކަމަކު އަންދާޒާކުރި އަދަދަށްވުރެ އަހަރު ނިމުނުއިރު ރަސްމީ ރިޒާވްގައި އިތުރަށް 170.4 މިލިއަން ޑޮލަރު ހުއްޓެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ރަސްމީ ރިޒާވްގައި ހުރީ 753.3 މިލިއަން ޑޮލަރެވެ. 2021 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރީ 805.8 މިލިއަން ޑޮލަރެވެ.
2022 ވަނަ އަހަރުގެ ރަސްމީ ރިޒާވް މަހުން މަހަށް
- ޖެނުއަރީ - 753.4 މިލިއަން ޑޮލަރު
- ފެބްރުއަރީ - 766.2 މިލިއަން ޑޮލަރު
- މާޗް - 865.2 މިލިއަން ޑޮލަރު
- އޭޕްރީލް - 829 މިލިއަން ޑޮލަރު
- މެއި - 807.9 މިލިއަން ޑޮލަރު
- ޖޫން - 750.4 މިލިއަން ޑޮލަރު
- ޖުލައި - 728.2 މިލިއަން ޑޮލަރު
- އޮގަސްޓް - 658 މިލިއަން ޑޮލަރު
- ސެޕްޓެމްބަރު - 540.3 މިލިއަން ޑޮލަރު
- އޮކްޓޫބަރު - 499.6 މިލިއަން ޑޮލަރު
- ނޮވެމްބަރު - 604.2 މިލިއަން ޑޮލަރު
- ޑިސެމްބަރު - 827.7 މިލިއަން ޑޮލަރު
އަންދާޒާކުރި އަދަދަށް އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވްގައި ފައިސާ ހުންނާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ މިދިޔަ އަހަރު ދެއްވާފަ އެވެ.