ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފުލުހުންނަށް އޮތް އިތުބާރު ހިފަހައްޓައިދިނުމަށް ރައީސް އެދިވަޑައިގެންފި

Jan 14, 2023
3

ފުލުހުންގެ ހިދުމަތް ތަރައްގީކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ އެކު ރައްޔިތުންގެ އިތުބާރު ނުގެއްލޭ ގޮތަށް ފުލުހުން މަސައްކަތް ކޮށްދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

އައްޑޫގައި ހުންނަ ފުލުހުންގެ ތަމްރީން މަރުކަޒުގައި ފުލުހުންގެ 34 ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ފުލުހުންގެ ހިދުމަތް ތަރައްގީކޮށް މަތީ ފަންތީގެ ޕްރޮފެޝަނަލް ހިދުމަތެއް ދިނުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އެހެންކަމުން ފުލުހުންވެސް ހިދުމަތްދޭއިރު ގޮންޖެހުންތަކަށް ބަލައިގެން އިތުބާރު ނުގެއްލޭގޮތަށް ހިދުމަތް ދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

"ފުލުހުން ގަބޫލުކުރަންވީ ހަގީގަތަކީ އެންމެ ފުލުހަކަށް ހެދޭ ގޯހެއްގެ ސަބަބުން މުޅި ފުލުހުންގެ ހިދުމަތުގެ އިތުބާރު ގެއްލި ޔަގީންކަމަށް ބުރޫއަރައިގެން ހިނގައިދާނެކަން. އެހެންވީމާ އެންމެ ބޮޑު އިސްކަމެއް ދޭންވީ އިތުބާރާއި ޔަގީންކަން ދެމެހެއްޓުން،" ރައީސް ވިދާޅުވި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތް ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ، ޒަމާނީ ތަމްރީންތަކާއެކު ފުލުހުން ހިދުމަތަށް ނުކުންނައިރު، އެ ހިދުމަތްތައް ދެވޭނެ ވަސީލަތްތައް ފުރިހަމައަށް ހުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ދިވެހި ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަކޮށްދިނުމަށް ވަރަށް މުހިއްމު މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

"އެގޮތުން އެއްގަމާއި ކަނޑުގެ އިތުރު އުޅަނދުފަހަރު ހޯދައިދިނުމަށްވެސް މަސައްކަތް ކުރަމުން އެބަދަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ފުލުހުންގެ މުއައްސަސާގެ ޕްރޮފެޝަނަލްކަމާއި ގާބިލްކަމާމެދު، ބައިނަލްއަގްވާމީ މުޖުތަމައުގައިވެސް އިތުބާރާއި ޔަގީންކަން ހިފަހައްޓަންޖެހޭ ކަމަށެވެ. އަދި އިންޓަޕޯލްގައި ދިވެހި ފުލުހުންގެ ހިދުމަތުން އަންނަނީ ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމުގައި މުހިއްމު މަސައްކަތްތަކެއްކޮށް، އެހެން ގައުމުތަކަށް މިސާލު ދއްކަމުން ކަމުގައިވެސް ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތްތަކަށް ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދިވެހި ފުލުހުން އަދާކުރަމުން އަންނަނީ ވަރަށް މުހިއްމު ދައުރެއް ކަމަށެވެ. މިގޮތުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ފުލުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ހަރުކަށި ދީނީފިކުރުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ހާއްސަ ގޮތެއްގައި ރައީސް ފާހަގަކުރެއްވި އެވެ.

"މިފަދަ ގޮންޖެހުންތަކާ ކުރިމަތިލުމުގެ އިލްމީ އަދި ފަންނީ ގާބިލްކަން ދިވެހި ފުލުހުންގެ ކިބައިގައި މިހާރު އެބަހުރި. ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގާބިލްކަން ވެސް އެބަހުރި. އެކަން ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަވަނީ ސާބިތުވެސް ކޮށްދެއްވަމުން،" ރައީސް ވިދާޅުވި އެވެ.

އަސާސީ ތަމްރީން ކޯސް ފުރިހަމަކޮށް ދަސްވެނިވި ދަރިވަރުންނަށް ތަހުނިޔާ ވިދާޅުވެ ދިވެހި ފުލުހުންގެ ހިދުމަތުގައި ސާބިތުކަމާއި ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުންމަތީ ދެމިތިބުމަށްވެސް ރައީސް އިލްތިމާސް ކުރެއްވި އެވެ.