ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ކެމްޕޭން ޖަލްސާ ހުކުރު ދުވަހުގެ ރޭ މާލޭގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ޖަލްސާއެއް ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

މި ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗްގައި ހުކުރު ދުވަހުގެ ރޭ 8:30ގަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރިގަދަވެފައިވާއިރު ރައީސް ސޯލިހްގެ އިތުރުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ގެންދަވަނީ އަތޮޅުތަކުގައި ކެމްޕޭން ކުރައްވަމުންނެވެ.

ރައީސް ސޯލިހްގެ އިތުރުން ރައީސް ނަޝީދުވެސް ވިދާޅުވަމުން ގެންދަވަނީ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސޯލިހް ބައިވެރި ވެވަޑައިގެންނެވި ފުރަތަމަ ކެމްޕޭން ޖަލްސާ އޮތީ ޖެނުއަރީ ހަތަރު ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ މައި ހަރުގޭގަ އެވެ.

ޕްރައިމަރީގެ ކެމްޕޭން ރައީސް ސޯލިހް ފެއްޓެވީ ރ. އަލިފުށިންނެވެ.

ކެމްޕޭންގައި ރައީސް ސޯލިހް ވަނީ ރ. އަތޮޅާއި ނ. އަތޮޅާއި ޅ. އަތޮޅުގެ އިތުރުން ބ. އަތޮޅާއި އައްޑޫއަށް ޒިޔާރަތްކުރައްވާފަ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސޯލިހް މާލޭގައި "ދޮރުން ދޮރަށް" ހިންގެވުމުގެ ހަރަކާތް ފެއްޓެވީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ވަނަ ދުވަހު އެވެ.