ހަބަރު

ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ކައުންސިލަށް މެންބަރުން ހޮވަން ރަޖިސްޓްރީވާން ހުޅުވާލައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލަށް ކުރިމަތިލައްވާފައިވާ މެންބަރުން ހޮއްވެވުމަށް ބާއްވާ ވޯޓުލުމަށް އެދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު އިތުރުކޮށްފި އެވެ. ރަޖިސްޓްރީވުމުގެ މުއްދަތު ވަނީ މި މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ އިން ނެރެފައިވާ ބަޔާނެެއްގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މާލެ، ހުޅުމާލެ، ވިލިމާލެ ގައި ނަމަ އެ މިނިސްޓްރީގެ ކައުންޓާއަށް ބަންދު ނޫން ކޮންމެ ދުވަހަކު ނުވަތަ މިނިސްޓްރީގެ ޑިސްއެބިލިޓީ ޑިވިޒަންގެ މެއިލް އެޑްރެސް އަދި އަތޮޅު ތެރޭގަިއ ނަމަ އެ ރަށެއްގެ ރަށު ކައުންސިލް ނުވަތަ އެފްސީއެސްސީ މެދުވެރިކޮށް މިނިސްޓްރީއަށް ފޮނުވުމަށް އިއުލާންކުރާ ކަކމަށެވެ.

ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިނިސްޓްރީގެ ކައުންޓަރުންނާއި އެ މިނިސްޓްރީގެ ވެބްސައިޓުން އަދި ރަށު ކައުންސިލުތަކުންނާއި އެފްސީއެސްސީތަކުން ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ވޯޓުގައި 18 އަހަރުން ދަށުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމަށް ހުޅުވާލައިފައިވީ ނަމަވެސް މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތަކާއި އެހެނިހެން ކަންތައްތަކަށް ބަލައި 18 އަހަރުން ދަށުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓު ނުލެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްގައި ތަމްސީލުކުރާ މެންބަރުން ހޮވުމަށް ބާއްވާ ވޯޓުލުން އަންނަ މަހުގެ ތިންވަނަ ދުވަހު އޮންނާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.