ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓުން މިދިޔަ އަހަރު 1،096 މައްސަލަ ނިންމި

ކްރިމިނަލް ކޯޓުން މިދިޔަ އަހަރު 1،096 މައްސަލަ ނިންމާފައިވާ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުން ދައްކައިފި އެވެ.

ކްރިމިނަލް ކޯޓުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ކޯޓަށް ހުށަހެޅީ 786 މައްސަލަ އެވެ. މިދިޔަ އަހަރު ރަޖިސްޓާ ކުރެވުނު މައްސަލައަށް ބަލާއިރު މިދިޔަ އަހަރު ނިންމި މައްސަލައަށް 16 ޕަސެންޓް ކުރިއެރުމެއް ލިބިފައިވާ ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.

އެ ކޯޓުން 2021ވަނަ އަހަރު ނިންމީ 701 މައްސަލަ އެވެ. އެ އަހަރު އެ ކޯޓަށް ހުށަހެޅީ 773 މައްސަލަ އެވެ.

ކްރިމިނަލް ކޯޓަށް މިދިޔަ އަހަރު އެންމެ ގިނަ މައްސަލަ ހުށަހެޅުނީ ޖޫން މަހު އެވެ. އެ މަހު 113 މައްސަލަ ހުށަހެޅުނެވެ.

އެންމެ ގިނަ މައްސަލަ ނިންމާފައިވަނީވެސް ޖޫން މަހު އެވެ. ޖޫން މަހު 165 މައްސަލަ އެ ކޯޓުން ވަނީ ނިންމާފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 12،757 އަޑުއެހުން އެ ކޯޓުގައި ޝެޑިއުލް ކުރެވުނެވެ. ޝެޑިއުލް ކުރެވުނު އަޑުއެހުމުގެ 59 ޕަސެންޓް އަޑުއެހުން ވަނީ ބާއްވާފަ އެވެ.

ކެންސަލްވި 41 ޕަސެންޓް އަޑުއެހުމުގެ ތެރެއިން 36 ޕަސެންޓް އަޑުއެހުން ކެންސަލްވީ ޓެކްނިކަލް ކަންކަމާއި އިދާރީ އެކިއެކި ކަންކަމާ ގުޅިގެން ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ. އަދި 64 ޕަސެންޓް އަޑުއެހުން ކެންސަލްވީ އެކްސްޓާނަލް ސަބަބުތަކާއި ގުޅިގެން ކަމަށްވެސް އެ ކޯޓުން ވަނީ ބުނެފަ އެވެ.