ޓޫރިޒަމް

ޗައިނާ ފަތުރުވެރިންނާއެކު ޓޫރިޒަމަށް ބޮޑުކުރިއެރުމެއް

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 115،177 އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އެއީ މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދެވެ.

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 2022 ވަނަ އަހަރުގެ އެ މުއްދަތަށްވުރެ 28.9 ޕަސެންޓް އިތުރުވެފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 21 ވަނަ ދުވަހަކީ މިއަހަރުގެ މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ. އެ ދުވަހު 6،681 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަކީ ރަޝިއާ އެވެ. އެގައުމުން 16،974 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އެއީ ރާއްޖެ އައި ފަތުރުވެރިންގެ 14.7 ޕަސެންޓެވެ.

އިޓަލީއިން 11،764 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އިންޑިއާއިން 11،163 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

އިނގިރޭސިވިލާތަކީ މިހާރު ރާއްޖެއަށް ހަތަރުވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. އެގައުމުން 9،509 ފަތުރުވެރިން ރާއްޖެ އައިއިރު މާކެޓްގެ ފަސްވަނައިގައި އޮތް ޖަރުމަނުން 6،731 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ތިން އަހަރު ފަހުން ޗައިނާ ފަތުރުވެރިން އަލުން ރާއްޖެއަށް އަންނަން ފެށިތާ ހަތަރު ދުވަސްވީއިރު އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އައި 10 ގައުމުގެ ތެރޭގައި ޗައިނާ ވަނީ ހިމެނިފަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޗައިނާއިން ވަނީ 2،354 ޓޫރިސްޓުން އައިސްފަ އެވެ. މިއީ ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ނުވަވަނަ އެވެ.

ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި 1،214 ތަނެއް ހިންގަމުންދެ އެވެ. އެއީ 168 ރިސޯޓާއި 876 ގެސްޓްހައުސް އާއި 157 ސަފާރީގެ އިތުރުން 13 ހޮޓަލެވެ. މި ތަންތަނުގައި ފަތުރުވެރިން ބޭނުންކުރަން ހުރި އެނދުގެ އަދަދަކީ 59،746 އެވެ.