ރައީސް މުހައްމަދު ނަޝީދު

މަންދޫބުންނާއި ސަޕޯޓަރުން ދޫކޮށްލާ: ރައީސް ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އޮބްޒާވަރުންނާއި ސަޕޯޓަރުން ދޫކޮށްލުމަށް އެމަނިކުފާނު ގޮވާލައްވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ބުނީ ގދ. ރަތަފަންދޫގެ އިތުރުން ގދ. ތިނަދޫގައި ވޯޓު ފޮއްޓަށް ގެއްލުން ދިން މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރައީސް ނަޝީދުގެ ކެމްޕޭނުގައި އެންމެ ކުރީ ސަފުގާއި ހަރަކާތްތެރިވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ ފުލުހުން ހައްޔަރުކޮށްފައިވާ ދެ އޮބްޒާވަރުންނާއި މަންދޫބެއްގެ ވަނަ ވަރު ހިއްސާ ކުރައްވާފަ އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ބައެއް ވޯޓު ފޮށި ކައިރީގައި ތިބި އެމަނިކުފާނުގެ އޮބްޒާވަރުންނާއި ސަޕޯޓަރުން ހައްޔަރު ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އެ މީހުން ވަގުތުން ދޫކޮށްލުމަށް އަދި ވޯޓު ގަޑުބަޑު ކުރާ މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލާން ހަމަޖެހިފައިވާ ވަގުތު ހަމަވެގެން ދިޔައިރު ބައެއް ވޯޓު ފޮށިތައް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

މި އިންތިހާބު ފާހަގަ ކޮށްލެވެނީ ހަމަ ނުޖެހުންތައް ގިނަ އިންތިހާބެއްގެ ގޮތުގަ އެވެ. އެގޮތުން ބައެއް ރަށްރަށުގައި ވޯޓު ފޮށިތައް ފަޅާލައި ވޯޓު ކަރުދާސްތައް ވީދާލާފައިވެ އެވެ.