ގދ. ތިނަދޫ

ތިނަދޫއަށް ކަރަންޓްދޭން ޖަނަރޭޓަަރުގެ އެހީ

  • ތިން ރަށަކުން ޖަނަރޭޓަރު ގެންދާނެ
  • މާލެއިން އެއް މަގަވޮޓްގެ ޖަނަރޭޓަރެއް ގެންދާނެ
  • ފުރިހަމައަށް ކަރަންޓް ދެވޭނީ ހަތަރު ދުވަސް ފަހުން

ގދ. ތިނަދޫގެ ގޭބިސީތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވީ ހަތަރު ދުވަސް ފަހުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ރޭ ތިނަދޫގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އިންޖީނުތައް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެެވެ.

ރޯވި އިރު ތިނަދޫ އިންޖީނުގޭގައި ހުންނަނީ ތިން އިންޖީނެވެ. އެއީ 100 ކިލޯވޯޓްގެ ޖަނަރޭޓަރަކާއި އާއި 720 ކިލޯވޯޓް ޖަނަޜޭޓަރަކާއި 600 ކިލޯވޯޓް އިންޖީނެކެވެ. އެ ތިން އިންޖީނު ވެސް ވަނީ ބޭނުން ނުކުރެވޭނެ ވަރަށް ހަލާކުވެފަ އެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީ މުހައްމަދު ނިމާލު ވިދާޅުވީ، އަލުން ތިނަދޫއަށް ކަރަންޓު ދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މީހުން ބޭލި ގދ. ގާދޫގައި ހުރި 150 ވޯޓް ގެ ޖަނަރޭޓަރު ތިނަދޫއަށް ގެންގޮސް އިންސްޓޯލްކުރަމުން އަންނަ އިރު އެ ޖަނަރޭޓަރުން ކަރަންޓު ފޯރުކޮށްދޭނީ ހަމައެކަނި ހޮސްޕިޓަލްގެ މުހިންމު ޑިޕާޓްމެންޓްތަކަށް ކަމަށެވެ. ހޮސްޕިޓަލަށް 60 ކިލޯވޯޓް ގެ ކަރަންޓު ބޭނުންވެ އެވެ.

ނިމާލު ވިދާޅުވީ ތިނަދޫގައި ނަރުދަމާގެ ނިޒާމް ފޯރުކޮށްދޭ އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު މިހާރު ވެސް ހޮސްޕިޓަލްގެ މުހިންމު ޑިޕާޓްމެންޓްތަކަށް ކަރަންޓު ފޯރުކޮށްދެމުން އަންނަ ކަމަށާއި މިއަދު ހަވީރު ގއ. ވިލިނގިލި އަދި މާމެންދޫއިން ދެ ޖަނަރޭޓަރު ތިނަދޫއަށް ގެންދާނެ ކަމަށެވެ. އެ ޖަނަރޭޓަރުތަކުން ވެސް ގާތްގަނޑަކަަށް 5000 އެއްހާ މީހުން އުޅޭ ރަށުގެ ގޭބިސީތަކަށް ކަރަންޓު ފޯރުކޮށްދެވޭވަރެއް ނުވެއެވެ.

"ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދިނުމަށް ސްޓެލްކޯގައި ހުރި އެއް މެގަވޯޓްގެ ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް މިއަދު ފަށާނަން، މިރޭ 12 ޖަހާއިރު މާލެއިން ފުރުވާލެވޭނެ، އެކޮޅަށް ފަތިހު ވަންނާނެ، އެ ޖަނަރޭޓަރަކީ ބަރު އެއްޗެއް، 50 ޓަނު ހުރޭ، ގެންދިއުން ވާނީ އުނދަގޫ ކަމަކަށް،" ނިމާލު ވިދާޅުވި އެވެ.

ނިމާލު ވިދާޅުވި ގޮތުގައި، އެ ޖަނަރޭޓަރު ގެންގޮސް ތިނަދޫގައި އިންސްޓޯލްކޮށް ކަރަންޓު ފޯރުކޮށްދިނުމަށް ތިނެއް ނުވަތަ ހަތަރު ދުވަސް ނަގާނެ އެވެ. ނަމަވެސް ޖަނަރޭޓަރު އިންސްޓޯލްކޮށް ނިމުމުން ރައްޔިތުންނަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވި އެވެ.

ތިނަދޫއަށް ކޮންމެ ދުވަހަކު 1387 ކިލޯވޯޓްގެ ކަރަންޓު ބޭނުންވާއިރު އެރަށަށް ކޮންމެ ދުވަހަކަށް 100 ޓަނު ފެން ބޭނުންވެ އެވެ. ނިމާލު ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގިއިރު ސްޓޯރޭޖްގައި 800 ޓަނު ފެން ހުރުމުން ފެނަށް ނުޖެހޭނެ ކަމަށެވެ.

ނިމާލު ވިދާޅުވީ، އިންޖީނުގޭގެ ފުރާޅުމަތީ ހުރި ސޯލާ ޕެނަލްތައް ވެސް ހަލާކުވެފައިވާ ކަމަށާއި އެ ހާދިސާއަކީ އިންޖީނުގޭގެ މައްސަލައަކުން ހިނގާފައިވާ ހާދިސާއެއް ނޫން ކަމަށެވެ.

"މިއީ އަމިއްލަ ޒާތުގައި ރޯވެ އަނދައިގެން ހިނގި ހާދިސާއެއް ނޫން، ނަމަވެސް މިކަން ބައެއްގެ ބޮލުގައި އަޅުވާކަށް ނެތިން،"

މި މައްސަލަ ތަހުގީގު ކުރުމަށް މިހާރު ޕޮލިހަށް ވަނީ ހުށަހަޅާފަ އެވެ. ނިމާލު ވިދާޅުވީ، ހާދިސާގެ ހަގީގަތް އެނގޭނީ ތަހުގީގު ނިމުމުން ކަމަށެވެ. އަދި 22 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް ލަފާކުރެވޭއިރު ލިބުނު ގެއްލުމުގެ ފުރިހަމަ ތަފްސީލު އެނގޭނީ އެސެސްޓްމެންޓްތަކެއް ހަދައިގެން ކަމަށެވެ. އިންޖީނުގޭގައި ހުރި ތަކެތީގެ ތެރެއިން ބޭނުންކުރެވޭނެ ތަކެއްޗާއި ނުކުރެވޭނެ ތަކެތި އަދި ނޭނގޭ ކަމަށް ވިދާޅުވި އެވެ.