ޓޫރިޒަމް

ފަތުރުވެރިކަން 32 ޕަސަންޓް ކުރި އަރައިފި

ރާއްޖޭގެ ފަތުރުވެރިކަން މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު 32.5 ޕަސަންޓް ކުރި އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައީ 155،886 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންނަށްވުރެ 32.5 ޕަސަންޓް އިތުރުވުމެކެވެ.

ރާއްޖެއަށް 2022ވަނަ އަހަރުގެ މި މުއްދަތުގައި އައީ 117،608 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިއާއިންނެވެ. އެގައުމުން 21،497 ފަތުރުވެރިން އައިސްފައިވެ އެވެ. ދެވަނައިގައި އޮތް އިންޑިއާއިން 17،004 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

އިޓަލީ އިން 14،995 ފަތުރުވެރިން ރާއްޖެ އައިއިރު އިނގިރޭސިވިލާތުން އައީ 13،061 ފަތުރުވެރިންނެވެ.

ކޮވިޑްގެ ސަބަބުން ހުއްޓިފައި އޮތް ޗައިނާގެ ބޯޑަރު ހުޅުވާލައި ޗައިނާގެ ދަތުރުތައް ރާއްޖެ ފެށީ މިމަހުގެ 18 ވަނަ ދުވަހު އެވެ. ޗައިނާ މިހާރު އޮތީ ރާއްޖެއަށް އަށްވަނައިގައެވެ. އެގައުމުން 5،390 ފަތުރުވެރިން ރާއްޖެ އައިްސފައިވެއެވެ.

އެވަރެޖްކޮށް ކޮންމެ ދުވަހަކު މިހާރު 5،567 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެ އެވެ. އަދި އަށް ދުވަސް ރާއްޖޭގައި ހޭދަކުރެ އެވެ.